ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުތަކުން ފަލަސްތީނު ރައްޔިތުން ނުކުތުމަށް އިޒްރޭލުގެ ސިފައިން އަމުރުކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ފަލަސްތީނު މީހުން އެމީހުންގެ ގެދޮރު ދޫކޮށް ނުކުންނަމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާކުރުމަށް މިސްރު އަދި ގަތަރުގައި ބައްދަލުވުންތަކެއް މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވެފައިވަނީ، ޣައްޒާގެ ހަނގުރާމައާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ލުބުނާނުގެ ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް 38،153 ފަލަސްތީނުމީހުން ޝަހީދުވެފައިވާއިރު، 87،828 މީހުން ޒަޚަމްވެފައިވެއެވެ.

އަނެއްކޮޅުން، ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިކޯޑުކުރެވިފައިވަނީ 1،139 މީހުންނެވެ.