ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، މިހާރުގެ ބޮޑުވަޒީރު ގެބްރިއެލް އަޓާލް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފައެވެ.
އާދީއްތަ ދުވަހު ބޭއްވުނު މި އިންތިޚާބުގައި ރައީސް އެމެނުއެލް މެކްރޮންގެ އިއްތިހާދު ދެވަނައަށް ދިޔުމާއެކު، އައު ސަރުކާރެއް އެކުލަވާލުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
557 ގޮނޑީގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދީ ނިއު ޕޮޕިއުލަރ ފްރަންޓް ކޯލިޝަނުންނެވެ. އަދި ވަތަނީ ފިކުރުގެ ނޭޝަނަލް ރެލީ ޕާޓީ ދިޔައީ ތިންވަނައަށެވެ. މި ނަތީޖާއާ ގުޅިގެން، ބޮޑުވަޒީރު އަޓާލް އަންގާރަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، މި އިންތިޚާބުގެ ނަތީޖާއިން ރައީސް މެކްރޮންގެ މަގާމަށް ސީދާ އަސަރެއް ނުކުރާނެއެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އަދިވެސް 3 އަހަރު ބާކީ އޮތުމާއެކު، މަގާމު ދޫކޮށްލައްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. އެހެންނަމަވެސް، އައު ސަރުކާރެއް އެކުލަވާލުމަށްޓަކައި ގާނޫނު ހަދާ މަޖިލީހާ ގުޅިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން، އައު ބޮޑުވަޒީރަކު ޢައްޔަން ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. މި މަގާމަށް ބޭފުޅަކު ހޮވުމުގައި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދި ނިއު ޕޮޕިއުލަރ ފްރަންޓް ކޯލިޝަންގެ ޕާޓީތަކުގެ ދައުރު މުހިންމުވާނެ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!