ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބަނދަރުގެ ޕޭވިން މަސައްކަތްތަކުގެ 22 އިންސައްތަ ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 8,400 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުން ކުރުމާއި، 583 މީޓަރުގެ ބޭރުތޮށި ލުމާއި، 316 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ހެދުމާއި، 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.