ސެމްސަންގްގެ އައު ފޯލްޑަބަލް ފޯނުތަކާއި ސްމާޓް ރިންގް ކުރިއަށް އޮތް އެކުންފުނީގެ އަހަރީ އިވެންޓްގައި ދައްކާލާނެކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

ސެމްސަންގްގެ ގެލެކްސީ އަންޕެކްޑް އިވެންޓް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 10 ވަނަ ދުވަހު ޕެރިސްގައެވެ. މި އިވެންޓް ފެށޭނީ ރާއްޖޭގެ ގަޑިން މެންދުރުފަހު 4 ޖަހާއިރުއެވެ. އިވެންޓް ލައިވްކޮށް ބެލޭނީ ޔޫޓިއުބް އަދި ސެމްސަންގްގެ ނިއުސްރޫމް މެދުވެރިކޮށެވެ.

Ad
rt

މި އިވެންޓުގައި އެންމެ ބޮޑަށް ފާހަގަކުރެވޭނެ ކަމަކީ އައު ފޯލްޑަބަލް ސްމާޓްފޯނުތަކެއް ތަޢާރަފުކުރުމެވެ. މީގެ ތެރޭގައި ގެލެކްސީ ޒެޑް ފްލިޕް 6 އަދި ޒެޑް ފޯލްޑް 6 ހިމެނެއެވެ. ޒެޑް ފްލިޕް 6 ގައި މިހާރަށްވުރެ ބޮޑު، އިތުރު ގާބިލުކަން ހުރި ކަވަރ ސްކްރީނެއް ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި ޒެޑް ފޯލްޑް 6 ގައި ކުޑަކޮށް ބޮޑު ޑިސްޕްލޭއަކާއި އަޕްޑޭޓްކުރެވިފައިވާ ސްޕެސިފިކޭޝަންތަކެއް ހުންނާނެ ކަމަށް ބެލެވެއެވެ.

މި ދެ ފޯނުގައިވެސް ކޮލްކޮމްގެ ސްނެޕްޑްރެގަން 8 ޖެން 3 ޗިޕްސެޓާއި 12 ޖީބީ ރެމް ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، އައު ގެލެކްސީ ވޮޗް 7 އަކާއި ގެލެކްސީ ވޮޗް އަލްޓްރާ މޮޑެލެއް ތަޢާރަފުކުރުމުގެ އިތުރުން، ގެލެކްސީ ރިންގް ނަމަކަށް ކިޔާ ސްމާޓް ރިންގެއް ދައްކާލާނެ ކަމަށް ބެލެވެއެވެ. އަދި ސެމްސަންގްގެ ޓެބްލެޓްތަކަށް އަޕްޑޭޓްތަކެއް ގެނެސް، އެއަރޕޮޑްސް ޕްރޯ އާ އެއްގޮތް ޑިޒައިނެއްގައި އައު ގެލެކްސީ ބަޑްސް 3 ތަޢާރަފުކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕެރިސް އޮލިމްޕިކްސްއާ ދިމާކޮށެވެ.