ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ،މިފަދައިން ވިދާޅުވީ މިރޭ ކުރިއަށްދިޔަ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް ރޭވިފައި އޮންނަ ގޮތުން ވަރަށް ގިނަ އިންތިޚާބުތައް އޮންނަ ކަމަށެވެ. އަދި އިންތިޚާބު ތަކަކީ ބާއްވަންޖެހޭ އެއްޗެއް ކަމަށާއި، ޤައުމުގެ ކަންކަން ކުރަންޖެހޭނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެއްގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''އެހެންނަމަވެސް ޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ޚަރަދު ދެކޮޅުޖެހޭގޮތަށް އެކަންކަން ކުރެވެންޖެހޭނީ ޒިންމާދާރު ގޮތަކަށް
ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދައުލަތް ހިންގުމުގައި ހުރިހާ ކަމެއްގައި އޮންނަން ޖެހޭނެ، އެކަން ހާސިލްކުރެވޭ ގޮތަށް ޚަރަދު ކުރުމުގައި ވެސް އަޅުގަނޑުމެން ޒިންމާވާންޖެހޭނެ،'' ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިދިޔައިރު 120 އަނަށްވުރެ ގިނަ ރައްޔިތުންގެ ފައިސާ ވަނީ ޚަރަދުވެފައެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި އަދި ދައުލަތުގެ ޚަރަދުތައް ހަރުދަނާކުރެވޭނެ ގޮތަކަށް އިންތިޚާބުތައް ބާއްވަން ޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 125 މިލިއަން ރުފިޔާ އަދި ރިޔާސީ އިންތިޚާބަށް 180 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ މުހިންމު ކަމެއް. އޭރުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ. މި ފައިސާއިން، މިސާލަކަށް ކުޑަ ރަށެއްގެ ރައްޔިތުން ދާއިމީކޮށް ބޮޑު ރަށަކަށް ބަދަލުކުރުންފަދަ މަޝްރޫޢުތައް ވެސް ހިންގިދާނެ. މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަވާނެ,"
ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަންޖެހޭ ކަމަށާއި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މިއަހަރު ނުވަތަ އެންމެ ލަސްވެގެން އަންނަ އަހަރު ހުށަހަޅުއްވާނެ ކަމަށެވެ.
މީގެއިތުރުން، އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭގޮތުން ނޮވެމްބަރު 17 ގައި ދެއްވި ބަޔާނުގައި ފާހަގަކުރެއްވި ކަންތައްތައް ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމުގެ ނިޒާމަށް އެއްވެސް ބަދަލެއް ގެނައުމަށް ހުށަހެޅޭ އިޞްލާޙެއް ތަސްދީޤުކުރެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!