ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓަރ އޮރްބާން ހުކުރު ދުވަހު ކްރެމްލިންގައި ރަޝިއާގެ ރައީސާ ބައްދަލު ކުރެއްވުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޮރްބާން ރަޝިއާ އަށް ދަތުރުފުޅު ކުރެއްވީ، ދައުރުވާ ގޮތައް އޮންނަ ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތާ ހަމަސް ދުވަހުގެ މުއްދަތަކަށް ހަންގޭރީން ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ހުކުރު ދުވަހު ޕުޓިން އޮރްބާން އާ ބައްދަލު ކުރައްވަމުން ވިދާޅުވީ، ރަޝިއާ އަށް އޮރްބާން ކުރެއްވި ދަތުރުފުޅަކީ ދުވަސްވީ ރަހްމަތްތެރި އަކަށް ވުމުގެ އިތުރުން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި ޔޫކްރެއިން އާ މެދު ކައުންސިލް ދެކޭ ގޮތް ހާމަ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޕުޓިން ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާ އަށް ވަޑައިގަތުމުގެ ކުރިން އޮރްބާން ވަނީ ޔޫކްރެއިނަށް ޒިޔާރަތް ކުރައްވާ ރައީސް ވުލޮޑެމިއަރ ޒެލެންސްކީ އާ ބައްދަލު ކުރައްވާފައެވެ.
އޮރްބާންގެ މި ދަތުރުފުޅާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވަނީ، މި ދަތުރުފުޅަކީ އިޔޫ އިން މެންޑޭޓެއް އޮވެގެން ކުރައްވާ ދަތުރުފުޅެއް ނޫން ކަމަށާއި، އެހެން ނަމަވެސް ބްރަސްލްސްގައި އަރާމު އަތްގަނޑުލީ ގޮނޑިއެއްގައި އިށީދެ އިނދެގެން ސުލްހަ އެއް ނުހޯދޭނެ ކަމަށެވެ.
އޮރްބާން އެހެން ވިދާޅުވި ނަމަވެސް އީޔޫގެ ވެރިން ގެންދަވަނީ އޭނާގެ މި ދަތުރުފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!