ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމުގައި ހުންނެވި އިމާދު ޞާލިޙު އެ މަގާމުން ވަކިކޮށްފިއެވެ.
އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރު ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައި ވަނީ އެންޑީއޭގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިމާދު ޞާލިޙު އެ މަޤާމުން ވަކިކުރުމަށް އެންޑީއޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވަކިކުރަން ނިންމާފައި ވަނީ އެ އޭޖެންސީގެ މަޤުޞަދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދަމުން ގޮސްފައި ނުވާތީކަމަށް ލުބްނާ ވަނީ ވިދާޅުވެފައެވެ.
އިމާދު ޞާލިޙު އެމް.ޑީ.އޭގެ ސީއީއޯގެ މަޤާމަށް އައްޔަނުކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާއި އެ ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމުން، އެ ސިޔާސަތުތައް ތަންފީޛުކުރާ މައިގަނޑު އިދާރާއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބުނާގޮތުން ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާން ޖެހެނީ ޑްރަގް އޭޖެންސީ އެ ވުޒާރާއެއްގެ ދަށުން ހިންގޭ ވުޒާރާއެއްގެ ވަޒީރަށެވެ. މި އޭޖެންސީ ހިންގަމުން އަންނަނީ ދާޚިލީ ވުޒާރާގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!