ބަންގްލަދޭޝްގެ ނަންހިނގާ ޗެސް ގްރޭންޑްމާސްޓަރ ޒިއާއުއް ރަހްމާން، އެ ގައުމުގައި ކުރިއަށްދިޔަ ގައުމީ ޗެސް މުބާރާތުގެ މެޗެއްގެ ތެރޭގައި ހުކުރު ދުވަހު މަރުވެއްޖެއެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާފައިވާ ޒިއާއުއް ރަހްމާން، 50 ކުއްލިއަކަށް މަރުވީ، މިހާރު ކުރިއަށްދާ ގައުމީ މުބާރާތުގައި އޭނާގެ ވާދަވެރިޔާ، ގްރޭންޑްމާސްޓަރ އިނާމުލް ހުސެއިން ރަޖީބްއާ ކުޅެމުންދިޔަ މެޗެއްގެ ތެރޭގައި ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

ބަންގްލަދޭޝްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

މި ހާދިސާ ދުށް މީހުންނާ ހަވާލާދީ، ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު މެޗް ފެށުނުއިރުވެސް އޭނާ އުޅުނީ އުނދަގޫތަކެއް ވާތީ ކަމަށާއި، މެޗުގެ ތެރޭގައި އެއްފަހަރު ބިންމައްޗަށް ވެއްޓުނު ކަމަށެވެ.

2022 ވަނަ އަހަރު، 44 ވަނަ ޗެސް އޮލިމްޕިއަޑްގައި އޭނާ ވަނީ އޭނާގެ ފިރިހެން ދަރިފުޅާއެކު ދެބަފައިންގެ ޓީމެއްގެ ގޮތުގައި ބަންގްލަދޭޝް ތަމްސީލުކޮށްފައެވެ. މިއީ ބަންގްލަދޭޝްގެ ތާރީޚުގައި ބައްޕައާއި ދަރިފުޅު ޓީމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މުބާރާތެއްގައި ވާދަކުރި ދެބަފައިން ކަމަށް އެ ގައުމުގެ މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.

އޭނާ ކުއްލިއަކަށް މަރުވުމާ ގުޅިގެން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާ ވަނީ ހިތާމަ ފާޅުކުރައްވައި، އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.