އެމެރިކާގެ ރިޔާސީ ރޭހުން ތަނާޒުލެއް ނުވާނެ ކަމަށާއި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ފާއިތުވި ހަފުތާގައި ބޭއްވުނު ޑިބޭޓުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުމާ ގުޅިގެން، އޭނާގެ ޤާބިލުކަމާމެދު ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ.

Ad
rt

ވިސްކޮންސިން ސްޓޭޓުގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ، "އަހަރެން ވާދަކުރާނަން، އަދި އަނެއްކާވެސް ކާމިޔާބު ހޯދާނަން" ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، "އަހަރެން ރިޔާސީ ރޭހުން ތަނާޒުލުވާކަށް ނެތިން" ކަމަށެވެ.

ބައިޑެން ވަނީ ޓްރަމްޕަކީ އެންމެ ބޮޑު ދޮގުވެރިޔާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ޑިމޮކްރަސީއަށް އޮތް އެންމެ ބޮޑު ނުރައްކަލެއް ކަމަށްވެސް ވިދާޅުވިއެވެ.

ޑިބޭޓުގައި ބައިޑެންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނުނެރެވުމާ ގުޅިގެން، ބައެއް ޑިމޮކްރެޓުން ދަނީ އޭނާ ރޭހުން ތަނާޒުލުވުމަށް ގޮވާލަމުންނެވެ.

އެފަރާތްތަކުން ބުނަނީ ބައިޑެންގެ ކެންޑިޑޭސީ އޮތުމުން، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ޕާޓީއަށް ގެއްލުން ލިބި، ޓްރަމްޕް ވެރިކަމަށް އައުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން، އުމުރުން ޅަ އަދި އިންތިޚާބުވުމުގެ ފުރުސަތު ބޮޑު ބޭފުޅަކަށް ފުރުސަތު ދިނުމަށް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.