ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން މަހާސިންތާއެއް ބާއްވައިފިއެވެ.
"ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާރސް" ގެ ނަމުގައި މިދިޔަ މަހުގެ 30 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާގައި ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ "ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް" ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ފޮތް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
މި ފޮތުގައި ކުންފުނީގެ ޚިދުމަތުގެ ތާރީޙާއި، ތަސައްވުރާއި، އަމާޒުގެ އިތުރުން، އިންޖީނުގެތަކުގެ އޮނިގަނޑާއި، އިންޖީނުގެތަކުގެ މަސައްކަތްތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ އޮނިގަނޑުގެ އިތުރުންވެސް ކުންފުންޏާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ، އެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ހުރިހާ މުވައްޒަފުންގެ ފިކުރަކީވެސް ގައުމީ އެއް ފިކުރަކަށް ވާންޖެހޭނެ ކަމަށާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއިއެކު، ކުންފުނީގެ ދުވެލި ބާރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ސްޓެލްކޯއަކީ، ވަސީލަތްތަކާއި، މެނޭޖްމަންޓާއި މުވައްޒަފުންގެ ތައުލީމާއި، ގާބިލްކަމަށްބަލައި، ރާއްޖޭގެ އެއްވަނަ ކުންފުނީގެ މަގާމަށް އެރިދާނެ ކުންފުންޏެއްކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށާއި، އެމުވައްޒަފުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް އަބަދުވެސް ދިނުމުގެ ރޫހު އާލާކުރެއްވިއްޖެ ނަމަ މިހާރަށްވުރެ ކުރިއަރައިދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"ކުންފުންޏަށް ބަދަލު ގެންނަންޖެހޭ ވަގުތު އަތުވެއްޖެ. އެ ބަދަލަކީ މިއައްވުރެ ބޮޑު ކުރިއެރުންތަކެއް ހޯދުން. އެ ކުރިއެރުންތައް ހޯދޭނެ. އަޅުގަނޑު މިހިރީ ހޯދައިދޭން ތިބޭފުޅުންނާއިއެކު މަސައްކަތް ކުރަން. އަޅުގަނޑު މަސައްކަތް ކުރާނީ ތިހުރިހާ ބޭފުޅުން ގޮވައިގެން. އެހެންވީމަ އެ ބަދަލު ގެނައުމުގެ ރޫހުގަ. އެ ބަދަލު ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެން މި ބައްދަލުވުން ނިންމާލަން ވާނީ. އެ ބަދަލުތައް ފެންނަންވާނެ މުސްތަގުބަލުގައި. އަޅުގަނޑު ޔަގީންކުރަނީ، އުމްމީދު ކުރަނީ ކުންފުންޏަށް ބަދަލުއަންނަތަން ދުރުނޫން މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށް" ފަހުމީ ވިދާޅުވި.
މި މަހާސިންތާގައި ލީޑަޝިޕް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ހަކަތަ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުންނާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައި، އެ ދަތިތައް ހައްލުކޮށް ހިދުމަތް ފުރިހަމަކަމާއިއެކު އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު ވަނީ މަޝްވަރާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!