އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދައިފިކަމަށް އެގްޒިޓް ޕޯލްގެ ނަތީޖާއިން ދައްކައިފިއެވެ. އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ.

އިނގިރޭސި ބްރޯޑްކާސްޓަރުންނަށް އައިޕީއެސްއޯއެސް ޔޫކޭއިން ތައްޔާރުކޮށްދިން އެގްޒިޓް ޕޯލްގައި ދައްކާގޮތުން، ލޭބަރ ޕާޓީއަށް ޕާލިމަންޓުގައި 170 ގޮނޑީގެ މަޖޯރިޓީއެއް ލިބޭނެއެވެ. މިއީ 14 އަހަރު ދުވަހު ކޮންޒަވޭޓިވް ޕާޓީގެ ވެރިކަން ނިމުމަކަށް އައުމެވެ.

Ad
rt

ވޯޓުލުން ނިމުނީ ރޭ 10 ޖަހާއިރުއެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ވޯޓު ގުނުން ކުރިއަށްދާނެއެވެ. ރަސްމީ ނަތީޖާ އިއުލާންކުރާނީ ހުރިހާ ދާއިރާތަކެއްގެ ވޯޓު ގުނާ ނިމުމުންނެވެ.

ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު، ލޭބަރ ޕާޓީގެ ލީޑަރު ކީރ ސްޓާމަރ އާ ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވާނެއެވެ. މިހާރުގެ ބޮޑުވަޒީރު ރިޝި ސުނަކް ވަކިވާނެއެވެ.

މި އިންތިޚާބުގައި ޕާލިމަންޓުގެ 650 މެންބަރުން ހޮވުމަށް މިލިއަނުން ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާފައިވެއެވެ. 2010 އިން ފެށިގެން އިނގިރޭސިވިލާތް ވެރިކަން ކުރަމުން އައި ކޮންޒަވޭޓިވް ޕާޓީއަށް މިފަހަރު ލިބޭނީ 131 ގޮނޑިކަމަށް ލަފާކުރެވެއެވެ.

އެގްޒިޓް ޕޯލްގައި ދައްކާގޮތުން، ލިބަރަލް ޑެމޮކްރެޓްސްއަށް 61 ގޮނޑި، ރިފޯމް ޔޫކޭއަށް 13 ގޮނޑި އަދި ސްކޮޓިޝް ނެޝަނަލް ޕާޓީއަށް 10 ގޮނޑި ލިބޭނެއެވެ. އަދި މިނިވަން ކެންޑިޑޭޓުންނާއި އެހެނިހެން ޕާޓީތަކަށް 25 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ.