ކުރިއަރ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ad
rt

ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއަރ ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ކާޑްރިޖް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަޙްޤީޤުކުރަމުންނެވެ.

ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން އަބަދުވެސް އަތުލައެވެ.