އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުން އޭއައި ކުންފުނިތަކަށް އަމާޒުކޮށްގެން ޚާއްޞަ ރައްކާތެރިކަމުގެ ގަވާއިދުތަކެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކެލިފޯނިއާ ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކަށް އަމާޒުކޮށްގެން ޚާއްޞަ ރައްކާތެރިކަމުގެ ގަވާއިދުތަކެއް ކުރިއަށް ގެންދިއުމަށް މެމްބަރުންވަނީ މިހާރު ވޯޓުދީފިއެވެ. މި ގަވާއިދުތަކުގެ ދަށުން އޭއައި ކުންފުނިތަކުން އެ ކުންފުނިތަކުގެ ސިސްޓަމްތައް ޓެސްޓުކުރުމާއި، އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ލާޒިމުކުރެއެވެ.

Ad
rt

މި ގަވާއިދުތަކުގެ މަޤްޞަދަކީ ކުރިމަގުގައި އޭއައި ޓެކްނޮލޮޖީ ތަރައްޤީވެގެން ދާއިރު، އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެލިފޯނިއާގެ ކަރަންޓު ވިއުގަ ހަލާކުކޮށްލުމާއި، ކެމިކަލް ހަތިޔާރު އުފެއްދުން ފަދަ ނުރައްކާތެރި ކަންކަން ކުރުމަށް މަގުފަހިވެދާނެ ކަމަށް މާހިރުން ބުނާ ކަންކަން ހުއްޓުވުމެވެ.

މި ގަވާއިދުތަކަށް މެޓާ އާއި ގޫގުލް ފަދަ ޓެކް ކުންފުނިތަކުން ވަރަށް ބޮޑަށް އިއުތިރާޒުކުރެއެވެ. އެ ކުންފުނިތަކުން ބުނާ ގޮތުގައި މި ގަވާއިދުތައް އަމާޒުކުރަންވާނީ އޭއައި ސިސްޓަމްތައް ހަދާ ފަރާތްތަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ސިސްޓަމްތައް ނުރަނގަޅު ގޮތުގައި ބޭނުންކުރާ ފަރާތްތަކަށެވެ.

މި ބިލު ހުށަހެޅި ޑިމޮކްރެޓިކް ސެނެޓަރ ސްކޮޓް ވީނަރ ވިދާޅުވީ މި ގަވާއިދުތަކުން އެކަށީގެންވާ ރައްކާތެރިކަމުގެ މިންގަނޑުތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ކުރިމަގުގައި އުފެދިދާނެ ވަރަށް ބާރުގަދަ އޭއައި މޮޑެލްތަކުން ލިބިދާނެ ނުރައްކާތެރި ގެއްލުންތައް ހުއްޓުވޭނެ ކަމަށެވެ.

މި ގަވާއިދުތައް ހިނގާނީ 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ކޮމްޕިއުޓިންގ ޕަވަރ ބޭނުންކޮށްގެން ތަމްރީނުކުރާ ސިސްޓަމްތަކަށެވެ. މިހާތަނަށް މި މިންގަނޑަށް ފެތޭ އެއްވެސް އޭއައި މޮޑެލެއް ނެތެވެ.