އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ހަތްރާސް ޖިލާގައި ބޭއްވުނު ހިންދޫންގެ ދީނީ އެއްވުމެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަދުވެގެން 116 މީހުން މަރުވެއްޖެކަމަށް އިންޑިއާ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ޝަލަބް މަތުރު ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މުޣަލްގަރީ ރަށުގައި ބޭއްވުނު ހިންދޫ ދީނުގެ ސަތްސަންގް އެއްވުމެއްގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ވެއެވެ. މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އިންޑިއާގެ އިސް ފުލުސް އޮފިސަރެއްގެ ތަރުޖަމާނެއް ބީބީސީއަށް މައުލޫމާތު ދީފައިވެއެވެ.
ހާދިސާ ހިނގި ގޮތުގެ ތަފްސީލު އަދި ސާފުވެފައި ނުވި ނަމަވެސް، އެއްވުމުގައި ބައިވެރިވި ބައެއް މީހުން ބުނާ ގޮތުގައި އެއްވުން ނިމުމާއެކު މީހުން ނުކުތުމަށް އޮތް މަގު ހަނިވުމާއި، ކުއްލިއަކަށް އައި ވަރުގަދަ ވިއްސާރައަކާ ގުޅިގެން މީހުން ބިރުގަނެ ފިލަން އުޅުމުން ގިނަ އަދަދެއްގެ މީހުން އެކަކު އަނެކަކުގެ މައްޗަށް ވެއްޓި، ފިތިގެން މަރުވެފައިވެއެވެ.
ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން ތިން ކުޑަކުދިން ހިމެނޭ ކަމަށް އެތާ ޖިލާގެ ޗީފް މެޑިކަލް އޮފިސަރ އުމޭޝް ކުމާރު ތްރިޕާތީ ނޫސްވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަވެރި މަންޒަރުތަކެއް ދައުރުވަމުންދާއިރު، ޒަޚަމްވި މީހުން ޕިކަޕް ޓްރަކާއި ޓުކްޓުކް އަދި ބައިސްކަލުގައި ހޮސްޕިޓަލަށް ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. އަދި ހޮސްޕިޓަލެއްގެ ދޮރުމަތީގައި ގިނަ އަދަދެއްގެ މަރުވެފައިވާ މީހުން އޮއްވާ، އެމީހުންގެ ގާތްތިމާގެ މީހުން އެހީއަށް އެދި ހަޅޭއްލަވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ބީބީސީއިން ވަނީ ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!