ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށްނަގައިފިއެވެ.

ފުލުހުން ބުނީ، މާލޭގެ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް، ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 6:12 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފަވާކަމަށެވެ.

Ad
rt

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކުރަން މަސައްކަތްކޮށްފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވަމުން ވިދާޅުވެފައި ވަނީ، މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެކަމަކީ އެކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާއޮތް ކަމެއްކަން ފަހުމީ ވަނީ ފާހަގަކުރަށްވާފައެވެ. އަދި މިކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ގެންދާ މައްސަލަ ވަނީ އިތުރުވެފައެވެ.