ތުރުކީއަށް އެމަޖެންސީކޮށް ޖެއްސި އިސްރާއީލުގެ މަތިންދާބޯޓެއް ތެޔޮ ފޯރުކޮށް ނުދީ ފޮނުވާލައިފިއެވެ.
އިސްރާއީލުގެ ގައުމީ އެއާލައިން، އެލް އަލްގެ މަތިންދާބޯޓެއް އެމަޖެންސީކޮށް ތުރުކީވިލާތަށް ޖެއްސުމަށްފަހު، ތެޔޮ ނުލިބި އަނބުރާ ފުރައިގެން ގޮސްފައިވާއިރު، މި ޚަބަރު ދަނީ ތުރުކީގެ މީޑިއާތަކުން ރިޕޯޓުކުރަމުންނެވެ.
އިސްރާއީލުން ބުނާ ގޮތުގައި، އެ ބޯޓަށް ތެޔޮ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ދެކޮޅު ހަދާފައިވެއެވެ. މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، މި ބޯޓު ތުރުކީވިލާތުގައި އެމަޖެންސީކޮށް ޖައްސާފައިވަނީ ބަލި މީހަކު ގޮވައިގެންނެވެ. ބޯޓު ޖައްސާފައިވަނީ ތުރުކީވިލާތުގެ އަންޓަލްޔާ އެއާޕޯޓަށެވެ.
ތުރުކީވިލާތުގެ އެއާޕޯޓުގެ މުވައްޒަފުން ތެޔޮ ފޯރުކޮށްދޭން ދެކޮޅު ހެދުމާ ގުޅިގެން، އެ ފްލައިޓް ވަނީ ތެޔޮ ހޯދުމަށް ގްރީސްގެ ރޯޑްސްއަށް ދަތުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތުރުކީއާ އިޒްރޭލާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
މި ހަނގުރާމައާ ގުޅިގެން ތުރުކީވިލާތުން ވަނީ އިސްރާއީލާ ދެކޮޅަށް އަޑުން އަޑުއުފުލަމުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން ތުރުކީ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!