އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅުމަށް ފަހު ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީފަހުން ޣައްޒާ ގެ އަލް-ޝިފާ ހޮސްޕިޓަލްގެ އެންމެ އިސް ވެރިޔާ ޑރ. މުހައްމަދު އަބޫ ސަލްމިޔާ ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލުމުން އިޒްރޭލުގެ ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ނުރުހުން ފާޅު ކޮށްފާވައިރު، ޖަލުގެ އޮފިޝަލުން ބުނީ ޑރ. އަބޫ ސަލްމިޔާ ދޫކޮށްލީ، އޭނާގެ ފަރާތުން އޮތް ނުރައްކާ ވަޒަން ކުރުމަށް ފަހު ޖަލުގައި ތޮއްޖެހުން ބޮޑުވެފައިވާތީ ކަމުގައެވެ.

Ad
rt

ޖަލުން މިނިވަން ވުމުން އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅޭ ފަލަސްތީނު މީހުންނާ މެދު ކަންތައް ކުރަމުންދާ ލާ އިންސާނީ ގޮތުގެ ވާހަކަ ވަނީ ޑރ. އަބޫ ސަލްމިޔާ މީޑިއާ އާ ހިއްސާ ކޮށްފައެވެ.

ޑރ. އަބޫ ސަލްމިޔާ ހައްޔަރު ކުރި އިރު އިޒްރޭލު ސިފައިން ދެއްކި ބަހާނަޔަކީ އައްޝިފާ ހޮސްޕިޓަލަކީ، އޭނާގެ މެނޭޖްމަންޓްގެ ދަށުން، ހަމާސް ހަނގުރާމަވެރިން ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ކަމަށް ބުނެއެވެ.

ޑރ. އަބޫ ސަލްމިޔާ ބުނި ގޮތުގައި އިޒްރޭލުގެ ޖަލުތަކުގެ ހާލަތު ހުރީ ދުވަހަކުވެސް ތަނެއް ގޯސްވާނެ އެންމެ ބޮޑަށް ގޯސްވެފައެވެ. އެގޮތުން ޖަލުގައި ބަންދު ކޮށްފައި ތިބި އެތައް މެޑިކަލް ސްޓާފުން ވަނީ އިޒްރޭލް ސިފައިން އަނިޔާ ކުރުމުގެ ސަބަބުން މަރުވެފައި އޭނާ ކިޔައިދެއްވިއެވެ.

ޑރ. އަބޫ ސަލްމިޔާ ބުނި ގޮތުގައި އިޒްރޭލް ސިފައިން ޖަލުގައި ބަންދު ކޮށްގެން ގެންގުޅު އަލް ޝިޕާ ހޮސްޕިޓަލްގެ އޮތޮޕީޑިކްސް ގެ އިސް ވެރިޔާ މި އަހަރުގެ އޭޕްރީލް މަހު ޖަލުގައި ވަނީ މަރުވެފައެވެ.

ޑރ. އަބޫ ސަލްމިޔާ ހާމަ ކުރި ގޮތުގައި ޖަލުގައި ތިބި ފަލަސްތީން މީހުންނަށް އެކި ބާވަތުގެ ގޯނާ ކުރުމުގެ އިތުރުން އެމީހުންނަށް ކާނާ އާއި ބޯފެންވެސް ލިބެނީ ކިރިޔާ ދުނިޔޭގައި ތިބޭ މިންވަރަކަށެވެ.

އިޒްރޭލުގެ ޖަލު ތަކުގައި ބަންދުކޮށްގެން ގެންގުޅޭ ފަލަސްތީން މީހުންނަށް ލާ އިންސާނީ އަނިޔާ ދޭ ވާހަކަ ޖަލުތަކުގައި ބަންދު ކުރި އެތައް ހާސް މީހުން ވަނީ މީގެ ކުރިން ވެސް ހާމަ ކޮށްފައެވެ.

ގާޒާގެ މީޑިއާ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި 2023 ގެ އޮކްޓޯބަރުގެ ފަހުން ޔަހޫދީ ދައުލަތުން ފަލަސްތީނުގެ 5000ށް ވުރެ ގިނަ މީހުން ވަނީ ރަހީނު ކޮށްފައެވެ.

އެމީހުންނާ ބެހޭ މައުލޫމާތެއް އެމީހުން ތިބި ހާލަތެއްވެސް ނޭނގޭ ކަމަށް ގާޒާގެ އޮފިޝަލުން ބުނެފައިވެއެވެ.