ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ފްރާންސާއި ބެލްޖިއަމް ވާދަކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ފްރާންސް ޖާގަ ހޯދައިފިއެވެ.
ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ފްރާންސުން ކުޅުނު މި މެޗުގައި ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ދެ ޓީމަށް ވެސް ހޯދިފައި ނުވެއެވެ. މި މެޗުގައި ފްރާންސުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ބްލެޖިއަމްގެ ޑިފެންޑަރ ވާޓޮގެންގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްމިނެޓަށް ވެފައި ވަނިކޮށް ފްރާންސްގެ ކޯލޯ މުއާނީ އަށް ބެލްޖިއަމްގެ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްކުރަން ޖެހި ވަގުތު ވާޓޮގެން ފައިގައި ޖެހި މިސްރާބު ބަދަލުވެ ގޮސް ވަނީ ބައިކޮޅަށެވެ.
ފްރާންސުން މި މުބާރާތުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ޖެހިފައި ވަނީ އެންމެ ތިން ލަނޑެވެ. އޭގެތެރެއިން ދެ ލަނޑަކީ އިދިކޮޅުން ކުޅުނު ޓީމްތަކުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުތަކެވެ. ދެން އަނެއް ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން އެމްބާޕޭއެވެ.
ރޭ މެޗުގައި އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެއެވެ. ބެލްޖިއަމްގެ ކެވިން ޑި ބްރޭނާއާއި ލުކަކޫއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބާރު ހަމަލާތައް ހުއްޓުވީ ފްރާންސްގެ ކީޕަރެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސް ވާދަކުރަން ޖެހޭނީ 2016 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ފްރާންސް ބަލިކޮށް ތަށި އުފުލާލި ޕޯޗުގަލްއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!