ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފަސޭހަކަމާއިއެކު ޖޯޖިއާ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.

މުޅިން އަލަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޖޯޖިއާއިން ދެވަނަބުރަށް ކޮލިފައިވީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ވެސް ބަލިކުރުމަށް ފަހުއެވެ.

Ad
rt

ރޭ މެޗު ފަށައިގެން ސްޕެއިނުން ވަނީ ގޭމް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް ލަނޑުޖަހައި ލީޑު ނެގީ ޖޯޖިއާއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ސްޕެއިންގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ދިފާއުކުރަން މަސައްކަތް ކުރުމުގެ ތެރޭ ސްޕެއިންގެ ޑިފެންޑަރ ރޮބިން ލެ ނޯމަންޑް ގައިގައި ޖެހިފައި އެ ބޯޅަ ވަނީ ބައިކޮޅަށެވެ.

ސްޕެއިނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 39 ވަނަ މިނެޓުގައި އޭރިއާ ބޭރުން ރޮޑްރީ ފޮނުވާލި ހަމަލާއިން ކާމިޔާބުކުރި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ހަ މިނެޓްތެރޭ ސްޕެއިންއަށް މެޗުގެ ލީޑް ނަގައިދިނީ ފަބިއަން ރުއިޒްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އުމުރުން 16 އަހަރުގެ ލެމީން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި ނިކޯ ވިލިއަމްސް ޖަހައިދިންއިރު، ހަތަރުވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ޑެނީ އޯލްމޯއެވެ.

ކުއާޓާ ފައިނަލިގައި ސްޕެއިން ވާދަކުރަން ޖެހޭނީ މުބާރާތް ބާއްވާ ޖަރުމަނާއެވެ.