ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރީ ކުރީ ސަރުކާރުން ވެރިކަމުގެ ދައުރު ނިމުނު އިރުވެސް ޚަރަދުކުޑަކުރުމަށް އަޅަންޖެހުނު މުހިއްމު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ދައުލަތުގެ މާލީ ހާލަތާއި ފިސްކަލް ހިރާސްތަކާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.

Ad
rt

އެ ބަޔާނުގައި ފިނޭންސުން ވަނީ އަމީރު މާލީ ވުޒާރާ ބަދުނާމުވާގޮތަށް ދައްކަވާފައިވާ ވާހަކަތަކާމެދު ހިތާމަކުރާކަމަށް ބުނެފައެވެ.

ފިނޭންސުން ބުނީ ރާއްޖޭގެ އިގްތިސާދަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު އެންމެ އަވަހަށް އިޔާދަވި އެއް އިޤްތިސާދުކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި، މިއަހަރާއި މެދުރާސްތާގައިވެސް ރާއްޖޭގެ އިޤްތިސާދު ހަލުވިކަމާއެކު ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އޭރުވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތަކެއް ހުރިއިރު މާލީ ވުޒާރާއިން 2022 އަދި 20233 ވަނަ އަހަރުގެ ތެރޭގައި ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓް ފޮތްތަކުގައި ހުށަހަޅާފައިވާކަމަށް ފިނޭންސުން ބުންޏެވެ. 2022 ވަނަ އަހަރު ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެސްފައިވަނީ ހާލަތު ބައްދަލު ހެޔޮ ބަދަލުތަކެއްކަންވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެވުނުއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރަން އަޅަންޖެހުނު އެންމެ މުހިންމު ފިޔަވަޅު ކުރީ ސަރުކާރުން ދައުރު ނިމުނުއިރުވެސް އަޅާފައި ނުވާކަމަށް ފިނޭންސުން ބުންޏެވެެ. އެއީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމެވެ.

ކުރީ ސަރުކާރުން މި ސިޔާސަތުތައް ތަންފީޒުނުކޮށް ހުރުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވި ކަމަށް ފިނޭންސުން ބުންޏެވެ. މީގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ވަނަ އަހަރު ފާހަގަކުރި ކަމަށްވެސް ބުންޏެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބަކީ ވެސް ކުރީ ސަރުކާރުން އެ ފިޔަވަޅުތައް ނާޅައި ދިގުލައިގެން ދިއުންކަމަށް ފިނޭންސްގެ ބަޔާނުގައި ފާހަގަކުރިއެވެ.

ފިނޭންސުން ބުނީ މިއަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ޚަރަދުކުޑަކުރާނެ ކަމަށް ބަޔާންކޮށް، ފްރޭމްވަރކެއް ތައްޔާރުކި ނަމަވެސް ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރުވެސް އޭގެ ތަފްސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތްކަމަށެވެ. އެ އިސްލާހުތަކާ ގުޅޭ ތަފްސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، އަދި މުސްތަގުބަލާ ގުޅޭ ކަމަކަށްވާތީ އެ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް މާލީ ވުޒާރާއިން އެދެއެވެ.