ހަނގުރާމައިގެ ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި، ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ހަފްތާގެ ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުން ކުރާ ހަނގުރާމައިގެ މަގްސަދު ތަކުގެ ތެރޭގައި ގާޒާގައި ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމާއި، ގާޒާގެ ތެރެއިން އިޒްރޭލުގެ ސަލާމަތަށް ހުރި ހުރިހާ ނުރައްކަލެއް ނައްތާލުން ހިމެނޭ ކަމަށެވެ.

Ad
rt

"މި ކަމަށް ޝައްކު ކުރާ އެއްވެސް ފަރާތެއް ހުރިނަމަ ބުނަން، ކާމިޔާބުގެ ބަދަލުގައި ހޯދާނެ އެހެން އެއްޗެއް ނޯންނާނެ، ހުރިހާ މަގްސަދެއް ހާސިލް ނުވަނީސް ހަނގުރާމަ އެއް ނުނިންމާނަން." އަނިޔާވެރި ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވެއެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ހުސްވި އަހަރުގެ އޮކްޓޯބަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ލާ އިންސާނީ އަނިޔާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ ގެ ތަފާސް ހިސާބުން ހާމަވެއެވެ.

އަދި 80،000 އަށްވުރެ ގިނަމީހުން ޒަޚަމް ވެފައިވާއިރު، މަރުވި މީހުންނާ ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ލައްކައަކަށްވުރެ ގިނަމީހުންގެ ގެދޮރުވެސް ވަނީ ގެއްލިފައެވެ. އަދި މުޅިޣައްޒާވަނީ ބަނޑުހައި ހޫނުކަމުގެ އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައެވެ.