ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއަދު ހެނދުނު ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލްއާއި ކޮސްޓަރިކާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމާއިއެކު، މުބާރާތުގައި އަމިއްލަ ބާރާއިއެކު ކުރިއަށް ދާން ބޭނުންނަމަ ބްރެޒިލްއަށް މިއަދު މެޗުން މޮޅުވުން މަޖުބޫރެވެ.

Ad
rt

ރޭ މެޗުގައި ބްރެޒިލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ބްރެޒިލްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ޕަކުއޭޓާ ފޮނުވާލު ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެއެވެ. އޭގެ ފަސް މިނެޓް ފަހުން ބްރެޒިލްއަށް ލީޑު ނަގައިދިނީ ވިނީސިއަސްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޕަކުއޭޓާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ބްރެޒިލްގެ ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ޖަހައިދިނީ ސްޕެއިންގެ ޖިރޯނާއަށް ކުޅެމުން އަންނަ ސަވީނިއޯއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ވިނީސިއަސް ވަނީ ލަނޑުޖަހައި ބްރެޒިލްއަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ރޭ މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ އޭނާއެވެ.

ޕެރަގުއޭގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ އޮމަރް އެވެ. ބްރެޒިލްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޕަކުއޭޓާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ.

މި ގްރޫޕްގައި ކޮލަމްބިއާ އާއި ކޮސްޓަރިކާ ވާދަކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކޮލަމްބިއާއެވެ. ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއިއެކު ކޮލަމްބިއާ ވަނީ ކްއާޓާއިން ޖާގަ ހޯދާފައެވެ. ގްރޫޕް ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ކޮލަމްބިއާ އާއި ދެކޮޅަށެވެ. ގްރޫޕްގެ ދެވަނާގައި ބްރެޒިލް އޮތީ ހަތަރު ޕޮއިންޓާއި އެކުއެވެ. ތިންވަނާގައި އޮތް ކޮސްޓަރިކާއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ފުލުގައި އޮތް ޕެރަގުއޭ އަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ. އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.