ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައި ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ހަނގުރާމަތައް ކުރަމުން އަންނަ އިރު، ހަމާސްއިން ގެންދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ.
އަނެއްކޮޅުން އިޒްރޭލްގެ ހަމަލާތައްވެސް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ގޯސްވަމުންނެވެ. އދ.ގެ ތަރުޖަމާނަކު ސިފަކުރެއްވި ގޮތުގައި، ބޮމުގެ ހަމަލާތައް ދިނުމުގެ ސަބަބުން ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގައި ނުވަތަ ހަލާކުވެފައިވާ ސަރަޙައްދުގައި ކޭމްޕް ކުރަން ފަލަސްތީނަށް މަޖުބޫރުވެފައިވާއިރު، ދިރިއުޅުމުގެ ހާލަތު "ކެތް ނުކުރެވޭ" ކަމަށެވެ. މި ހާލަތުގެ ސަބަބުން ވަށާލާފައިވާ އާބާދީގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
އިޒްރޭލުން ދީރް އަލް ބަލާހުގެ ދެ ގެއަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޣައްޒާގެ ސިވިލް ޑިފެންސުން ބުނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިޒްރޭލުގެ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން ޑޮކްޓަރަކު ޝަހީދުވެ 12 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި މަރުވި މީހުންގެ އަދަދު 37،765 އަށް އަރާފައިވާއިރު، 86،429 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!