ޔޫތު މިނިސްޓްރީން ތިން އެވޯޑެއް ދޭން ނިންމައި، އެކަން މިރޭ ޢިއުލާންކޮށްފިއެވެ.
ޔޫތު މިނިސްޓްރީއިން މިރޭ ތަޢާރުފުކޮށްފައިވާ ތިން އެވޯޑަކީ، ޒުވާނުންގެ އެވޯޑާއި، ކުޅިވަރު އެވޯޑު އަދި މަދަނީ ޖަމުޢިއްޔާތަކުގެ އެވޯޑެވެ.
އެ ތިން އެވޯޑު ތަޢާރުފުކޮށްފައި ވަނީ ޔޫތު މިނިސްޓްރީން "ރަން އަހަރު"ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިރޭ ތަޢާރުފު ކުރި ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ އިލްމާއި، ހުނަރުވެރިކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން މުޖުތަމައުއަށާއި ޒުވާނުންނަށް ފަރުދީގޮތުންނާއި އަދި ޖަމާއީ ގޮތެއްގައި ކޮށްދޭ މަސައްކަތްތަކާއި ހިދުމަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ބަލައިގަނެ، އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
ޒުވާނުންގެ އެވޯޑު ތަޢާރުފުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.
މިރޭ ތަޢާރުފު ކުރި ކުޅިވަރު އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތައް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދާ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ހިތްވަރުދިނުމަށް ދެވޭ އެވޯޑެކެވެ.
ކުޅިވަރު އެވޯޑު ތަޢާރުފުކޮށް ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.
މިރޭ ތަޢާރުފުކުރި ތިންވަނަ އެވޯޑް މަދަނީ ޖަމުޢިއްޔާތަކުގެ އެވޯޑަކީ ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމުޢިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، ގައުމުގެ ތަރައްގީއަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެކެވެ.
އެ އެވޯޑު ތަޢާރުފުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!