އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) 2030 ވަނަ އަހަރު ރިޓަޔާ ކުރާއިރު އޯބިޓުން ބޭރުކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޖައްވީ އުޅަނދެއް އުފެއްދުމަށް ނާސާއިން ސްޕޭސްއެކްސްއާ 843 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަވާލުކޮށްފިއެވެ.

"ޔޫއެސް ޑިއޯބިޓް ވެހިކަލް ޑިވެލޮޕްކޮށް ޑެލިވަރީކޮށް، ސްޕޭސް ސްޓޭޝަންގެ އޮޕަރޭޝަނަލް ލައިފް 2030 ވަނަ އަހަރު ނިމުމަށް ފަހު، އެ ތަނުގެ ރައްކާތެރި އަދި ޒިންމާދާރު ޑިއޯބިޓަކަށް ތައްޔާރުވުމަށް ސްޕޭސް އެކްސް ހޮވާފައި ވޭ،" ނާސާ އިން އެކްސްގައި ބުނެފައިވެއެވެ.

Ad
rt

އަދި މި "ޑިއޯބިޓް ވެހިކަލް" ގެ ސަބަބުން ބޮޑު ސްޓޭޝަން ކޮންޓްރޯލްކޮށް ދުނިޔޭގެ ޖައްވަށް ތިރިކުރުމުގެ ސަބަބުން ދުނިޔޭގެ އާބާދީ ބޮޑު ސަރަހައްދުތަކަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނާސާގެ ސްޕޭސް އޮޕަރޭޝަންސް މިޝަން ޑައިރެކްޓްރޭޓްގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓާ ކެން ބޮވާސޮކްސް ވިދާޅުވީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ޔޫއެސް ޑިއޯބިޓް ވެހިކަލެއް އުފެއްދުމަކީ ނާސާ އާއި އެ ކުންފުނީގެ ބައިނަލްއަގުވާމީ ޕާޓްނަރުންނަށް ސްޓޭޝަން އޮޕަރޭޝަންތައް ނިމުމުން ލޯ-އާތު އޯބިޓްގައި ރައްކާތެރި އަދި ޒިންމާދާރު ޓްރާންސިޝަނެއް ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

24 އަހަރު ވެފައިވާ މި ސްޓޭޝަނަކީ ކެނެޑާ، ޔޫރަޕް، ޖަޕާން، ރަޝިއާ އަދި އެމެރިކާގެ ޖައްވީ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ މިޝަންއެކެވެ. އެހެން ހުރިހާ ޕާޓްނަރުން ވެސް 2030 ވަނަ އަހަރާ ހަމައަށް އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވައުދުވެފައިވާއިރު، ރަޝިއާއިން ބުނެފައިވަނީ އެ ހަރަކާތްތައް ކުރިއަށް ގެންދެވޭނީ 2028 ވަނަ އަހަރާ ހަމައަށް ކަމަށް ބުނެފައެވެ.

ނާސާގެ ވިސްނުން ހުރީ ލޯ އާރތް އޯބިޓްގައި އެކުންފުނީގެ ހަރަކާތްތައް ވިޔަފާރީގެ ގޮތުން މިލްކުކުރެވޭ އަދި އޮޕަރޭޓްކުރާ ފެސިލިޓީތަކަށް ބަދަލުކޮށް، އިންސާނުންގެ ޖައްވީ ހޯދުމުގެ އާ ބާބެއް ކުރިއަށް ގެންދިއުމަށެވެ.