މި އަހަރުގެ އެއް މިލިއަން ފަތުރުވެރިއަކަށް ތައިލެންޑްގެ އަންހެނަކު ހޮވިއްޖެއެވެ.

މި ޝަރަފްވެރި މަގާމު ލިބުނީ ތައިލެންޑްގެ ސުޓާޕާ އަމޯންވިވަތު 37، އަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

Ad
rt

އެންމެ ފުރަތަމަ ސުޓާޕާ ރާއްޖެ އައީ 2011 ވަނަ އަހަރު ހަނީމޫނަށެވެ. އޭގެ 13 އަހަރު ފަހުން އޭނާ މިއަދު ރާއްޖެ އައީ ފިރިމީހާ އާއި ދެ ކުދިން ގޮވައިގެންނެވެ. އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައެވެ.

ސުޓާޕާއަށް މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފާއެކު ސުޓާޕާ އަށް ވަނީ ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިފައެވެ.

މިދިޔަ އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވީ، ޖުލައި 16 ގައެވެ. އެހެންކަމުން މި އަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ހަމަމިވީ 15 ދުވަސް ކުރިންނެވެ.

މިއަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓު އިތުރެވެ. މިމަހު އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 4،000 ޓޫރިސްޓުން އައިސްފައިވެއެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ ޗައިނާ އާއި ރަޝިއާ އާއި އިނގިރޭސި ވިލާތުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެން ވާއިރަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން 2.2 މިލިއަން ފަތުރުވެރިން އައުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.