ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުން ޖޯޖިއާ ޖާގަ ހޯދައިފިއެވެ. ރޭ ޖޯޖިއާއިން ވަނީ 2-0 ގެ ނަތީޖާއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދާފައެވެ.
ރޭ މެޗަށް ޕޯޗުގަލް ނުކުތްއިރު އެ ޓީމް އޮތީ، ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއިއެކު ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ރޭ މެޗުން މޮޅުވެ ޖޯޖިއާ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މި މުބާރާތް ރާވާފައި އޮތީ ގްރޫޕްތަކުން ތިންވަނަ ހޯދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ނޮކައުޓް ބުރުން ޖާގަ ލިބޭ ގޮތަށެވެ.
ރޭ މެޗުގައި ޖޯޖިއާއަށް ލަނޑުތައް ޖަހައިދިނީ އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ކްވަރަސްޚޭލިއާއާއި ޖޯޖްސް މިކައުޓަޒޭ އެވެ. މިކައުޓްޒޭ ލަނޑުޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ނޮކައުޓް ބުރުން ޖާގަ ހޯދައި، އެ ޓީމުން މިވަނީ ތާރީހީ ކާމިޔާބެއް ހޯދާފައެވެ.
ރޭ މި ގްރޫޕްގައި ތުރުކީއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް، ލިބުނު 6 ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ތުރުކީ ވަނީ ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. އެއް ޕޮއިންޓާއިއެކު މި ގްރޫޕްގެ ފުލަށްގޮސް މުބާރާތުން ކެޓީ ޗެކްރިޕަބްލިކެވެ.
ރޭ މެޗުގައި ތުރުކީއަށް ލަނޑުތައް ޖަހައިދިނީ ހަކަން ޗަޅަނގޮލޫއާއި ސެންކް ޓޮސުންއެވެ. ޗެކްގެ ހަމައެކަނި ލަނޑު ޖެހީ ތޯމަސް ސޮސެކްއެވެ.
ރޭ މެޗުތަކާއިއެކު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކުޅެ ނިމުނީއެވެ. ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ. ދެވަނަ ބުރުގައި ޓީމްތައް އެތުރިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
ޕޯޗުގަލް - ސްލޮވީނިއާ
ރުމޭނިއާ - ނެދަލެންޑްސް
އޮސްޓްރިއާ – ތުރުކީ
އިންގްލެންޑް - ސްލޮވާކިއާ
ސްޕެއިން - ޖޯޖިއާ
ފްރާންސް – ބެލްޖިއަމް
ސްވިޒަލެންޑް - އިޓަލީ
ޖަރުމަނު - ޑެންމާކް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!