ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ހުރިހާ ހައްޖާޖީން ވެސް ރާއްޖެ އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު 1150 މީހަކު ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ.

Ad
rt

ހައްޖުގެ އަޅުކަމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ވަނީ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެފައެވެ.

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަމަށް ވަނީ އަޑުފެތުރިފައެވެ. އެކަމާއިމެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނިނަމަވެސް، އެ ބަލި ޖެހިފައި ހުރި މީހަކު މިހާރު ރާއްޖެއިން ފެނިފައިވާކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

ބަކާ ނިޔާވެފައިވާއިރު، މީސްމީޑިއާގައި ބައެއް ފަރާތްތަކުން ހައްޖު ކޯޕަރޭޝަނަށް އަމާޒުކޮށް، ހައްޖަށް މީހުން ގެންދިޔައީ ވެކްސިން ފުރިހަމަނުކޮށްކަމަށްބުނެ އަންނަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

އެކަމާއިގުޅިގެން އެ ކޯޕަރޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައިސަޢުދީ އަރަބިޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓަރީގެ ގައިޑްލައިންތަކާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ ކޯޕަރޭޝަނުން ބުނީ ހުރިހާ ހައްޖުވެރިން ވެސް އައީ ޕޯލިއޯ، މެނިންގްޖައިޓީސް އަދި އިންފުލުއެންޒާ ވެކްސިން ވެސް ފުރިހަމަކޮށްގެންކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.