ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ފަހު މެޗުތައް އެއްވަރުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އިންގްލެންޑު ނޮކައުޓް ބުރުން ޖާގަ ހޯދައިފިއެވެ.
މި ގްރޫޕްގެ ފަހު މެޗުތައްކުގައި އިންގްލެންޑާއި ސްލޮވީނިއާ ރޭ ބައްދަލުކުރި މެޗާއި ޑެންމާކާއި ސާބިއާ ބައްދަލު ކުރި މެޗު ވެސް ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
މި ގްރޫޕްގެ އެއްވަނަ އިންގްލެންޑަށް ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ ލިބުނު ފަސް ޕޮއިންޓާއި އެކުއެވެ. ދެވަނަ ހޯދި ޑެންމާކާއި ތިންވަނަ ހޯދި ސްލޮވީނިއާ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ވަނީ އެއްވަރުވެފައެވެ. ދެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކަށް ނޮކައުޓް ބުރުން ޖާގަ ލިބުނީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
ތިންވަނައަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ލިބޭ ފުރުސަތުގެ ދަށުން ސްލޮވީނިއާ ވެސް ވަނީ ނޮކައުޓް ބުރުން ޖާގަ ހޯދާފައެވެ. މިއީ އެ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ޔޫރޯގައި އެ ޓީމް ވާދަކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ އެ ޓީމް ޔޫރޯގައި ކުޅުނީ 2000 ވަނަ އަހަރުއެވެ. އެ އަހަރު މޮޅެއް ނުލިބި ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ.
ކުޅުނު ތިން މެޗުގެ ތެރެއިން އެއް މަޗުން ބަލިވެ ދެ މެޗު އެއްވަރުކޮށް ލިބުނު ދެ ޕޮއިންޓާއިއެކު ގްރޫޕް ފުލަށް ގޮސް، ގްރޫޕް ސީން ކަޓައިގެން ސިޔައީ ސާބިއާއެވެ.
މިރޭ 21:00 ގައި ގްރޫޕް އީގެ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނެއެވެ. ފަހު މެޗުތަކުގައި ރޮމޭނިއާ ނުކުންނާނީ ސްލޮވާކިއާ އާއި ދެކޮޅަށެވެ. ބެލްޖިއަމް ނުކުންނާނީ ޔުކްރެއިން އާއި ދެކޮޅަށެވެ. މި ގްރޫޕްގެ ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހަތަރު ޓީމަށް ވެސް އެބައޮތެވެ.
މިރޭ 0000 ގައި ގްރޫޕް އެފްގެ، ގްރޫޕް ސްޓޭޖް ފަހު މެޗުތައް ކުޅޭނެއެވެ. ކުޅުނު ދެ މެޗުން މޮޅުވެ ނޮކައުޓް ބުރުން ޖާގަ ހޯދާފައިވާ ޕޯޗުގަލް ނުކުންނާނީ ޖޯޖިއާ އާއި ދެކޮޅަށެވެ. އަދި ޗެކްރިޕަބްލިކް ނުކުންނާނީ ތުރުކީއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!