ޓެކްސް ބޮޑުކުރުމުގެ ބިލާ ގުޅިގެން ކެންޔާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ބައިވެރިން ކެންޔާގެ ޕާލަމެންޓަށް ވަންނަން އުޅުމުން ފުލުހުން ބަޑި ޖެހުމުން ބަޔަކު މަރުވެއްޖެއެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީގައި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ވޯޓަށް އެހުމުގެ ތެރެއިން މުޒާހަރާގެ ބައިވެރިން ޕާލަމެންޓް އިމާރާތަށް ވަންނަން އުޅުމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ފުލުހުން ބަޑީގެ ހަމަލާތައް ދީފައި މިވަނީ ކަރުނަގޭހާއި ފެންބަޑީގެ ހަމަލާތަކަށްފަހުވެސް އެއްވެ ތިބި މީހުން ދުރަށް ނުދިއުމުގެ ސަބަބުންނެވެ. ފުލުހުން ބަޑިޖެހުމުގެ ސަބަބުން ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad
rt

ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި ހަމަނުޖެހުންތަކާއި ގުޅިގެން އެ ޤައުމުން މިހާތަނަށް ވަނީ 13 މީހުން މަރުވެފައެވެ.

ހަފުތާއެއްހާ ދުވަސް ވަންދެން ދިގުދެމިގެން ގޮސްފައިވާ މި މުޒާހަރާތަކަކީ ދިރިއުޅުމުގެ ބޮޑު ކާރިސާއެއްގެ ތެރޭގައި ޓެކްސް ބޮޑުކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ފައިނޭންސް ބިލާ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ވިލިއަމް ރޫޓޯ އިސްތިއުފާ ދެއްވުމަށާއި މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

ސަރުކާރުން ބައެއް ލުއިތައް ދީފައިވީ ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަނީ ޓެކްސް ބޮޑުކުރުމަކީ އަދިވެސް ބުރަ ބޮޑު ކަމެއް ކަމަށެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އިންޓަނެޓް މެދުކެނޑި، އިވެންޓްތައް ކަވަރުކުރާ މީޑިއާތަކަށް އިންޒާރުތައް ވަނީ ދީފައެވެ.

ހާލަތު ގޯސްވުމާ ގުޅިގެން ކެންޔާގެ ދިފާއީ ވަޒީރު ވަނީ ފުލުހުންނަށް އެހީތެރިވުމަށް އަސްކަރީ ފައުޖުތައް ބޭތިއްބުމަށް ނިންމަވާފައެވެ. ރައީސް ރޫޓޯ ވަނީ މި ހަމަނުޖެހުންތަކަކީ "ޣައްދާރު" ހަމަނުޖެހުންތަކެއް ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަން ހުއްޓުވުމަށް ވައުދުވެވަޑައިގެންފައެވެ.

ޓެކުހުގެ ގޮތުގައި އިތުރު 2.7 ބިލިއަން ޑޮލަރު ހޯދުމުގެ މަގްސަދުގައި އެކުލަވާލި ފިނޭންސް ބިލް މިހާރު ވަނީ މަޖިލީހުގެ ތެރެއިން ފާސްކޮށް ރައީސް ތަސްދީޤު ކުރެއްވުމުގެ އިންތިޒާރުގަ އެވެ.