ބަންގްލަދޭޝްގައި ހަރުފަތައް އިތުރުވެ، ހަރުފަ ދަތްއެޅުމުގެ ހާދިސާތަކުގައި އިންސާނުންނަށް ލިބޭ ނުރައްކާތައްވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެހެންކަމުން އެގައުމުގެ ހެލްތްމިނިސްޓަރ ސަމަންތާ ލާލް ސެން ވެސް ވަނީ ހަރުފަގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުން ވީއެންމެ އަވަހަކަށް ހޮސްޕިޓަލްތަކަށް ގެނައުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި މި ދަނޑިވަޅުގައި ހުރިހާ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް އެންޓި-ވެނަމް ބޭސް އެތެރެ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހެލްތްމިނިސްޓްރީން ވަނީ އެގައުމުގެ ހުރިހާ ސިއްހީ އިދާރާތަކަކަށް އަންގާފައެވެ.
ހަރުފަ ދަތްއެޅުމުގެ ހާދިސާތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2002 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ނެތިގެން ގޮސްފައިވާ ކަމަށް ކުރިން ބެލެވޭ ވިހަގަދަ ހަރުފައެއް ކަމަށްވާ ރަސެލްސް ވައިޕަރު ހީވެސް ނުކުރާ ވަރަށް އިތުރުވުމެވެ. ވިހަގަދަކަމަށް މަޝްހޫރު މި ހަރުފަ މިހާރު ވަނީ އެގައުމުގެ 25 ޑިސްޓްރިކްޓަކަށް ފެތުރިފައެވެ.
ހާއްސަކޮށް ރަސެލްގެ ވައިޕަރު ހިމެނޭ ގޮތަށް ހަރުފަ ދަތްއެޅުމުގެ މައްސަލަތައް ރޫރަލް ހޮސްޕިޓަލްތަކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިންސާނުންގެ އާބާދީތަކާއި ދަނޑުބިންތަކުގެ ކައިރީގައި، ވަކިން ހާއްސަކޮށް ދަނޑުވެރިކަން ކުރާ ދުވަސްވަރު މި ހަރުފަ ފެތުރޭ މިންވަރު ގުޅިފައި އޮންނަނީ، އެ ހަރުފަގެ ކާނާއާއެވެ.
ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި މި ހާލަތު ވަރަށް ބޮޑަށް ކަންބޮޑުވުމަކަށް ވެފައިވާއިރު، އެކަމާ މެދު އާންމުންގެ ކަންބޮޑުވުން ވަނީ ދައްކުވައިދީފަ އެވެ. 2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބަންގްލަދޭޝްގައި އަހަރަކު ގާތްގަނޑަކަށް 7،000 އެއްހާ މީހުން ހަރުފަ ދަތްއަޅައިގެން މަރުވާ އިރު، މި މައްސަލައިގެ ސީރިއަސްކަން ހާމަކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!