ޔޫރޯ 2024 ގައި އޮސްޓްރިއާއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގެ އޮންލައިން ބްރޯޑްކާސްޓަށް ހެކަރުންގެ ހަމަލާއެއް އަމާޒުވެއްޖެއެވެ.
މިއީ މިފަހަރުގެ ޔޫރޯ މުބާރާތުގެ ތެރެއިން ޕޮލެންޑްގެ ފުޓްބޯޅަ ޓީމަށް އަމާޒުކޮށް ދިން ދެވަނަ ސައިބާ ހަމަލާ ކަމަށް އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ވަނީ ބުނެފައެވެ.
މިގޮތުން ބްރޯޑްކާސްޓަރު ޓީވީޕީން ބުނީ ފުރަތަމަ ޗެކްތަކުން އެނގުނު ގޮތުގައި ހެކަރުން ޑިސްޓްރިބިއުޓެޑް ޑިނައިލް އޮފް ސާވިސް (ޑީޑީއޯއެސް) ހަމަލާއެއް ދޭން ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ގިނަ އަދަދެއްގެ ޓްރެފިކުން ސާވާތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ނެދަލޭންޑްސްއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގެ އޮންލައިން ބްރޯޑްކާސްޓަށް ވެސް އެފަދަ ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ.
ޓީވީޕީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕޮލެންޑާއި އޮސްޓްރިއާގެ މެޗު އިންޓަނެޓުން ބްރޯޑްކާސްޓް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކަށް މައާފަށް އެދޭ ކަމަށެވެ. އަދި ސަޕޯޓަރުންނަށް މެޗު ބެލޭނެ އެހެން ވެބްސައިޓެއް ތައާރަފްކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހު ޓީވީޕީއިން ބުނީ މި ހަމަލާ ދީފައިވަނީ ޕޮލެންޑްގެ އެތެރޭގައި ހުންނަ އައިޕީ އެޑްރެސްތަކުން ކަމަށެވެ.
ޕޮލެންޑް އާއި އޮސްޓްރިއާ މެޗްގެ ބްރޮޑްކާސްޓިން ހެކް ކުރި ސަބަބާ ބެހޭ ގޮތުން ހެކަރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!