އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، ހުކުރު ދުވަހު ދިން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ، ވަށާލާފައިވާ ސަރަހައްދުގައި މިހާރުވެސް އޮތް އިންސާނީ ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 30 މީހުންގެ ހަށިގަނޑު ހުކުރު ދުވަހު ޣައްޒާ ސިޓީގެ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް ގޮސްފައިވާއިރު، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ "އުނދަގޫ އަދި އަނިޔާވެރި ދުވަހެއް"ގެ ގޮތުގައި ހުކުރުދުވަސް ވެގެން ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ކައިރީގައި ހިނގި އެހެން ހާދިސާއެއްގައި އަލްމަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅޭ ޓެންޓުތަކަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި 25 މީހުން ޝަހީދުވެ 50 މީހުން ވަނީ ޒަހަމްވެފައެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސް އެޖެންސީން ވެސް ވަނީ ރަފާހުގެ ހުޅަނގު އުތުރުގައި އޮންނަ އަލް ޝަކޫޝް ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާތަކުގައި މީހުން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީ މުނިސިޕަލްޓީ ގަރާޖާއި އެ ސިޓީގެ ފަސް ބުރީގެ އިމާރާތަކަށް ބޮން އަޅާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 35 މީހަކު ޝަހީދުވެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 37،431 އަށް އަރާފައެވެ.
ކެނޑިނޭޅި ހަމަލާތައް ދެމުން ދަނީ ޣައްޒާއަށް އިންސާނީ ކާރިސާގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. އިޒްރޭލުގެ ލޮކްޑައުންގެ ސަބަބުން އެ ސަރަހައްދު ވަނީ ކާބޯތަކެތީގެ ދަތިކަމާއި ފެނާއި އެހެނިހެން ޒަރޫރީ ސާމާނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!