އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މާކުރިން ޓިކްޓޮކް އިން އެމެރިކާގެ ސަރުކާރަށް "ކިލް ސްވިޗެއް" ހުށަހެޅިކަން އެޕްލެޓްފޯމުން ކަށަވަރުކޮށްދީފިއެވެ.

ޓިކްޓޮކުން ވަނީ 2022 ވަނަ އަހަރު އެމެރިކާގެ ސަރުކާރަށް "ކިލް ސްވިޗެއް" ހުށަހަޅައި، ޑޭޓާ ޕްރޮޓެކްޝަންގެ ބައެއް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ އެ ޕްލެޓްފޯމް ބަންދުކުރުމުގެ ފުރުސަތު ކަމާ ބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށް ބުނެފަ އެވެ. މިކަން ހާމަވެފައިމިވަނީ ޓިކްޓޮކް އާއި އެކުންފުނީގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން އެމެރިކާގައި އެޕް މަނާކުރާނެ ކަމުގެ އިންޒާރުދޭ އާ ގާނޫނާ ދެކޮޅަށް ގާނޫނީ ހަނގުރާމައެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

މިދިޔަ އޭޕްރީލް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ސޮއިކުރައްވައި ނެރުއްވި މި ގާނޫނުގެ ދަށުން ޓިކްޓޮކްގެ އެމެރިކާގެ މުދާ ވިއްކުމަށް ނުވަތަ މުޅި ގައުމުގައި މަނާކުރުމާ ކުރިމަތިލާން ބައިޓްޑާންސަށް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.

މި ގާނޫނަކީ އެ އެޕްލިކޭޝަން ބޭނުންކުރާ 170 މިލިއަން އެމެރިކާ މީހުންގެ ޑޭޓާ ޗައިނާ ސަރުކާރުން ހޯދޭނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ހަދާފައިވާ ގާނޫނެއް ކަމަށް އެމެރިކާގ އޮފިޝަލުން ދަނީ ބުނަމުންނެވެ.

ޓިކްޓޮކްގެ ގާނޫނީ ޓީމުން ބުނަނީ ހުށަހަޅާފައިވާ "ކިލް ސްވިޗް" މެކޭނިޒަމްގެ ސަބަބުން ނެޝަނަލް ސެކިއުރިޓީ އެގްރީމެންޓްގެ ޑްރާފްޓާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެ ޕްލެޓްފޯމް ސަސްޕެންޑް ކުރުމުގެ ސާފު ބާރު އެމެރިކާ ސަރުކާރަށް ލިބުނީސް ކަމަށެވެ. މި އެއްބަސްވުމުގައި ޑޭޓާ ޕްރޮޓެކްޝަން ޔުނިޓްތަކަށް އެކަށީގެންވާ ގޮތެއްގައި ފަންޑު ކުރުމާއި ބައިޓްޑާންސަށް އެމެރިކާގެ ޔޫޒަރ ޑޭޓާ އަށް ވަނުން ހުއްޓުވުން ފަދަ މާއްދާތައް ހިމެނެއެވެ.

ނަމަވެސް ޓިކްޓޮކުން ބުނަނީ މި ހުށަހެޅުމަށްފަހު ސަރުކާރުން "އެއްވެސް ހަރުދަނާ މަޝްވަރާތަކެއް ކުރިއަށް ނުގެންދާ ކަމަށާއި މެރީލޭންޑްގައި ހުންނަ ޓިކްޓޮކްގެ ޑެޑިކޭޓެޑް ޓްރާންސްޕޭރެންސީ ސެންޓަރުގެ ބައްދަލުވުންތަކާއި ސައިޓް އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ފަހުން އެދުމުން އެކަމަށް އިހުމާލުވެފައިވާ ކަމަށެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޮރެކަލްއާ އެކު "ޕްރޮޖެކްޓް ޓެކްސަސް" އިންތިޒާމް ކޮށްގެން އެމެރިކާގެ ޑޭޓާ މިހާރުވެސް ހިމާޔަތްކުރެވިފައިވާ ކަމަށް ސޯޝަލް މީޑިއާގެ ބޮޑު ކުންފުނިން ބުނެއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވޯލް ސްޓްރީޓް ޖާނަލްގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެމެރިކާގެ ޓިކްޓޮކާއި ޗައިނާގެ ބައިޓްޑާންސްއާ ދެމެދު އަދިވެސް ބައެއް ޑޭޓާތައް ހިއްސާ ކުރަމުން ދެއެވެ.

ޓިކްޓޮކާއި ބައިޓްޑާންސުން މިހާރު ކޯޓުތަކަށް ގޮވާލަމުން ދަނީ އެއީ ގާނޫނު އަސާސީއާ ހިލާފަށް މަނާކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ބިލު ބާތިލް ކުރުމަށެވެ.