ދެކުނު ޗައިނާ ކަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ފިލިޕީންސާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވެ ޗައިނާގެ ކޯސްޓްގާޑު ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފިލިޕީންސުން ސިފަކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ސެކަންޑް ތޯމަސް ޝޯލް ކައިރީގައި ހިނގި މި ހާދިސާގައި ފިލިޕީންސްގެ ސިފައިންނާ ޗައިނާގެ ކޯސްޓްގާޑުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފިލިޕީންސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތަކުން ފިލިޕީންސްގެ ބޯޓުތަކަށް ހަތިޔާރާއެކު އަރައިފައިވާ ކަމަށެވެ. މި ކުރިމަތިލުމުގައި ފިލިޕީންސްގެ ފަޅުވެރިއެއްގެ އިނގިއްޔެއް ބުރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad
rt

ފިލިޕީންސް ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ރޯމިއޯ ބްރޯނާ ޖޫނިއާ ވިދާޅުވީ ޗައިނާގެ ކޯސްޓްގާޑުން ވަޅިއާއި ބަޑި ހިފައިގެން ފިލިޕީންސްގެ އުޅަނދުތަކަށް އަރާފައިވާ ކަމަށެވެ. އޭނާ އެ އަމަލު ސިފަކުރެއްވީ "ޕައިރޭސީ" ނުވަތަ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައެވެ.

ފިލިޕީންސްގެ އަސްކަރިއްޔާއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ޗައިނާގެ ކޯސްޓްގާޑަކުން ހަތިޔާރު ހިފައިގެން ފިލިޕީންސްގެ ކަނޑުގެ ސިފައިންގެ ބޯޓުތަކަށް އަރާ މުވާޞަލާތީ ވަސީލަތްތައް ހަލާކު ކުރާތަން ފެނެއެވެ.

ނަމަވެސް ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ އެ މީހުންގެ އަމަލުތަކަކީ ޕްރޮފެޝަނަލް، އިންސާފުވެރި އަދި ގާނޫނީ އަމަލެއް ކަމަށާއި، ޗައިނާ ސިފައިން މަސައްކަތްކުރީ ފިލިޕީންސުން ކޮންސްޓްރަކްޝަން ސާމާނު ޝޯލަށް ގެންދިއުމަށް ހުރަސް އެޅުމަށް ކަމަށެވެ.

ޗައިނާގެ ސިފައިންނާ ފިލިޕީންސްގެ ސިފައިންނާ ދެމެދު ކަނޑުމަތީގެ ހަމަނުޖެހުންތައް އިތުރުވަމުންދާއިރު، ފިލިޕީންސްގެ ބައިވެރިއެއް ކަމުގައިވާ އެމެރިކާ ހިމެނޭ ގޮތަށް، ބޮޑެތި ހަމަނުޖެހުންތަކެއް އެ ސަރަޙައްދުގައި އުފެދިދާނެކަމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.