އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގައި ވިހަ އެކުލެވިގެންވާ ބަނގުރާ ބުއިމުގެ ސަބަބުން 34 މީހުން މަރުވެއްޖެ އެވެ.

މިއީ އަންގާރަ ދުވަހުގެ ރޭ ކަލާކުރުޗީ ޑިސްޓްރިކްޓްގައި ހިނގި ހާދިސާއެކެވެ.

Ad
rt

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ބޫޓްލެގް ރާ" (އަމިއްލައަށް އުފައްދާ ބަނގުރާ) ޕެކެޓުކޮށްގެން ގަވައިދާ ހިލާފަށް އިންޑިއާގައި ވިއްކުން އާއްމުވަމުންދާއިރު، އެ ބޯ މީހުންނަށް ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދަނީ ކުރިމަތިވަމުންނެވެ.

މިވަގުތު ހޮސްޕިޓަލްތަކުގައި ގާތްގަނޑަކަށް 80 މީހުން ތިބިއިރު ހިތާމައަކީ މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާތީ ކަމުގައި އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން (ގަވައިދާ ހިލާފަށް ރާ ހަދާ މީހުން) ގިނަ ފަހަރަށް އެމީހުންގެ ބުއިންތަކަށް މިތަނޯލް ނަމަކަށް ކިޔާ ކެމިކަލެއް އިތުރުކުރެއެވެ. މިތަނޮލް އަކީ އިންސާނުންނަށް ވަރަށް ވިހަ އެއްޗަކަށްވާއިރު، އޭގެ ސަބަބުން ބޮލުގައި ރިއްސުމާއި، ބޭރަށް ހިންގުންޖެހި އަދި ލިވަރ އާއި ފުއްޕާމޭ ހަލާކުވުންފަދަ ނުރައްކާތެރި މައްސަލަތައް ދިމާވެއެވެ.

މި ހާދިސާއާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާއިރު، އަމިއްލައަށް ގޭގައި ބަނގުރާ އުފައްދާ ވިއްކުންފަދަ އަމަލުތައް ހުއްޓުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްކަމަށް ބުނެ ބައެއް ފުލުހުން ވަނީ ސަސްޕެންޑްކޮށްފައެވެ.

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ މި ހާދިސާއާއި ގުޅިގެން މަރުވި ނުވަތަ ހޮސްޕިޓަލުގައި ތިބި މީހުންގެ އާއިލާތަކަށް އެހީވުމަށް ފައިސާ ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މިއީ އިންޑިއާގައި އާ މައްސަލައެއް ނޫނެވެ. ކޮންމެ އަހަރަކު ވެސް ބެކްސްޓްރީޓް ޑިސްޓިލަރީތަކުގައި ހަދާ ގަވައިދާ ހިލާފަށް ރާ ބުއިމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެވެ.

މިކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.