މީގެ 10 މަސް ކުރިން 434 ކުށްވެރިން ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ދަތި އުނދަގުލާ ތަހަންމަލު ކުރަން ޖެހިފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.
ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ ހަގީގަތެއް ކަމަށެވެ. ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 މަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވުމުން ކަމުގައި ޝިފާން ވިދާޅުވިއެވެ.
އެ ކުށްވެރިން ދޫކޮށްލީ އެއްވެސް އުސޫލެއް ނެތި އެމީހުން މޮނިޓާ ކުރެވޭނެ ނިޒާމެއް ވެސް ނެތި ކަމުގައި އޭނާ ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ބޮޑެތި ސީރިއަސް، އުނދަގުލާ ކުރިމަތިލާން ޖެހޭ ކަމަށް ޝިފާން ވިދާޅުވިއެވެ.
ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ މިކަން ހައްލު ކުރުމަށް އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން އެގޮތަށް ވިދާޅުވި އިރު، މާލޭގައި މި ފަހަކަށް އައިސް ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަނިކޮށް ޓްރާންސްޕޯޓް ތެރޭގައި ހިންގާފައިވާ ބޮޑު ސްކޭމެއް ވަނީ ފަޅާ އަރައިފައެވެ. އެގޮތުން އެކަކުގެ ނަން މަތީގައި 100 ވެހިކަލް ރަޖިސްޓްރީކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ.
އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާ މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!