މިދިޔަ ޖުލައި މަހު އިންޑިއާއިން ހަނޑޫ ވިއްކުން މަނާކުރުމާ އެކު ޕާކިސްތާނުގެ ހަނޑޫ އެކްސްޕޯޓު ކުރި މިންވަރު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

އިންޑިއާގެ މި ނިންމުމާއެކު ހީވެސް ނުކުރާ ފަދަ ކަންތައްތަކަކާ އެކު ދުނިޔޭގެ ހަނޑުލުގެ ބާޒާރަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، ޕާކިސްތާނު ވެފައި މިވަނީ އޭގެ އެންމެ ބޮޑު ފައިދާއެއް ލިބޭ ގައުމެއްގެ ގޮތުގަ އެވެ.

Ad
rt

ޕާކިސްތާނުގެ ހަނޑޫ އެކްސްޕޯޓު ކުރި މިންވަރު އިތުރުވެފައި މިވަނީ އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުގެ އެންމެ ބޮޑު ބާސްމަތީ ހަނޑޫ އެކްސްޕޯޓްކުރާ މަޓްކޯ ފުޑްސްގެ ޑިރެކްޓަރު ފައިޒާން ގޯރީ ވިދާޅުވީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ފެންބޮޑުވުމުގެ ސަބަބުން ހަނޑޫ ދަނޑުތަކަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރުމުން ޕާކިސްތާނުގެ ހަނޑޫ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވަނީ ތަފާތު ފުރުސަތެއް ތަނަވަސްވެފައެވެ. ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގު ތައް ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭ އެންމެ މައްޗަށް ގޮސްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕާކިސްތާނުގެ ހަނޑޫ އިންޕޯޓް ކުރާ ފަރާތްތަށް ވަނީ އިތުރުވެފަ އެވެ.

ލާހޯރުގެ ލަތީފް ރައިސް މިލްސްގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން ހައްމާދު އަތިކް ވިދާޅުވީ މެދުއިރުމައްޗާއި އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާ ފަދަ އިންޑިއާ ދަރިކޮޅުގެ ހަނޑުލުގެ ބާރު އާދަޔާ ހިލާފަށް އޮންނަ ސަރަޙައްދުތަކުން ޑިމާންޑާއި އޯޑަރުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ހަނޑުލުގެ ބާޒާރަށް އައި ބަދަލަކީ ފާއިތުވި އަހަރުތަކުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޕާކިސްތާނުގެ އިގްތިސާދަށް ލިބުނު ކުރިއެރުމެކެވެ. ހަނޑޫ އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ އިތުރުވުމުން ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، މާލީ ހާލަތު ހަމައަކަށް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާ ސަރުކާރުން ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރަން ނިންމީ އެތެރޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އަގުތައް މައްޗަށް ދިއުން ކޮންޓްރޯލް ކުރުމުގެ މަގްސަދުގައި ކަމަށް ވާއިރު، އެކަމުގެ ސަބަބުން ޕާކިސްތާނަށް ހަނޑުލަށް އޮތް ޑިމާންޑް ކެޕިޓަލައިޒް ކުރުމުގެ ދޮރު ވަނީ ހުޅުވިފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މުޅި ދުނިޔެ ކުރިމަތިލަމުންދާއިރު، ހަނޑޫ އެކްސްޕޯޓް މާކެޓުގައި ޕާކިސްތާނަށް ލިބުނު ކާމިޔާބީއަކީ ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗެއިންގައި ހިނގަމުންދާ ކޮމްޕްލެކްސް ޑައިނަމިކްސްގެ ހަނދާން އާކޮށްދޭ ކަމެކެވެ.