މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޭ ރޯވެ ފަސް ސައިކަލެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު މި ސައިކަލްތަކުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 00:34 ހާއިރުއެވެ. މި ހާދިސާގައި އެތަނުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
މިއީ ގަސްދުގައި ހިންގާފައިވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ތުހުމަތުކޮށްފައެވެ.
ފުލުހުން މިއަދު ބުނިގޮތުގައި އެ ސައިކަލުތަކުގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެއީ އެކްސިޑެންޓަކުން ހިނގާފައިވާ ކަމެއް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ރޭ 00:37 ގައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް 7 ވަރަކަށް މިނިޓްގެ ތެރޭގައި އެ ސައިކަލްތަކުގައި ރޯވެފައިވާ އަލިފާން ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!