އަންނަ ބުދަ ދުވަހާއި، ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ.

މި ދުވަސްވަރަކީ ބޮޑު އީދުގެ ޗުއްޓީ ދުވަސްވަރަށް ވުމުން މެޓު އޮފީހުން އަންނަނީ ދުރާލާ މޫސުން އަންދާޒާކުރެވޭކޮށް އާންމު ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކޮށް މި އަދު އެ އިދާރާއިން ބުނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ބުދަ، ބުރާސްފަތި، ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް ބުނެފަވެއެވެ. އަދި މި ދުވަސްތަކުގައި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

ކުރިއަށް ފަސް ދުވަހަށް މެޓު އޮފީހުން މޫސުން ލަފާކުރާ ގޮތުގައި މި ދުވަސްތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 35 މޭލާއި 40 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކުރިއަށް އޮތް ފަސްދުވަހު އާދައިގެ މިންވަރަކަށް ކަނޑު ގަދާވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްތަކުގައި ރާޅު އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓުގެ ދެމެދުގައިކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު އީދު ޗުއްޓީ އާއި ދިމާވެފައިވާއިރު، ޗުއްޓީ ނިންމައި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އަންނަ އާދީއްތަ ދުވަހުއެވެ. އެހެންކަމުން ޗުއްޓީ ނިންމައި މީހުން ދިރިއުޅޭ ވަޒަނަށް ދިޔުމުގެ ދަތުރުތައް ފަށާނީ ވެސް ހަފުތާގެ ފަހުކޮޅުއެވެ.