މާދަމާ ފާހަގަކުރާ މިއަހަރުގެ އަޟްހާ ޢީދު (ބޮޑު އީދު) ފާހަގަކުރުމުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފްނުވާގޮތުގެ މަތީން، އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ސަރުކާރުން އަންގައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި އަދި ސިޓީ ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވަނީ ބޮޑު އީދު ފާހަގަކުރާއިރު، އީދު ކުޅިވަރުތައް އިސްލާމްދީނާއި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް ގެންދަން އަންގާފައެވެ.

Ad
rt

ތިން ކަމެއް ފާހަގަކޮށްފައިވާ މި ސާކިއުލާގައި ފުރަތަ ފާހަގަކޮށްފައިވާ ކަމަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ''ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެކެވެ.'' ބަޔާންކޮށްފައި އޮންނަ އޮތުމެވެ. އެހެންކަމުން އީދުގެ ހުރިހާ ހަރަކާތެއް ވެސް ހިންގަންވާނީ މި އަސާސްގެ މައްޗަށް އިސްލާމް ދީނާއި އެއްވެސް ފުށުއެރުމެއްނެތް ގޮތަށްކަމަށް ސާކިއުލާގައި ބުނެފަވެއެވެ.

އެ ސާކިއުލާގައި ދެން ފާހަގަކޮށްފައި ވަނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގެ އަހުލުވެރިން ކަމަށް ވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަދި އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާ އެކު، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކޮށް، އަމާންކަމާއި ސުލްހަމަސްލަސްކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންކަމެއްކަމުގައިވާތީ، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ބަޔާންކޮށްފައި އޮތް އޮތުމެވެ. އެހެންވެ އެހެންކަމުން އީދުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތް ކުރުމަށް ސާކިއުލާގައި އަންގާފަވެއެވެ.

ދެން އެ ސާކިއުލާގައި ވަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް ރިޢާޔަތްކޮށް އެ ޤާނޫނުގެ ރޫހާއި އެއްގޮތަށް ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށާއި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒު ކޮށްދޭ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އީދު ފާހަގަކުރަން އަންގާފައެވެ.

އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފްނުވާގޮތުގެ މަތީން، އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ބޮޑު އީދު ފާހަގަކުރުމަށް ސަރުކާރުން ކައުންސިލްތަކަށް އެންގިއިރު، ކައުންސިލްތަކުން ވަނީ ވަރަށް ކުލަގަދަކޮށް ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައެވެ. އޭގެ ތެރޭގައި ސަގާފީ، ޒަމާނީ ކުޅިވަރުތަކުގެ އިތުރުން މިޔުޒިކް ސޯތަކާއި ކާނިވާތައް ބޭއްވުން ފަދަ ކަންކަން ހިމެނެއެވެ.