އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.

މިއަދު އެ މިނިސްޓްރީން އާންމުކުރި ލިސްޓުގައި 58 ކުންފުންޏެއް ހިމެނެ އެވެ.

Ad
rt

ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ހުއްދަދެނީ،މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލު ކަމަށްވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.

ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހަށެވެ. އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާ ކަމެކެވެ. އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ލިބިފައިނުވާ ކުންފުނިތަކުން އުމްރާއާށް މީހުން ގެންދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ދީފައި ވެއެވެ.

މިއަދު އާންމު ކުރި ލިސްޓުގައި ހިމެނެނީ 2022 އަހަރުގެ އޮގަސްޓް މަހާއި މިދިޔަ އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަސް އަދި މި އަހަރުގެ މެއި މަހު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު މިނިސްޓްރީން ދޭތެރެއަކުން ހުޅުވާލަ އެވެ. މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން އެ ފުރުސަތު ހުޅުވާލި އެވެ.