ކ. ދިއްފުށީގައި އަލަށް ޤާއިމްކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ އިންޖީނުގެއަކަށް ކަމަށާއި، މި މަސައްކަތް ބުރޫ ނާރައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށާއި އައު އިންޖީނުގޭގެ ބިންގާ އެޅުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ދިއްފުށީގައި މިހާރު ޚިދުމަތްދެމުންދާ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި ކަމުން ރައްޔިތުންނަށް އުނދަގޫތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމެވެ.
ސްޓެލްކޯއިން އައު އިންޖީނުގެ ތަރައްގީކުރުމަށް ނިންމާފައިވަނީ ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަޙައްދެއްގައެވެ. މި އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ޚިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް ކަމަށް ފަހުމީ ވިދާޅުވެއެވެ. އަދި މި މަޝްރޫއަކީ ސީދާ ސްޓެލްކޯގެ ޚަރަދުގައި ކުރިއަށްދާ މަޝްރޫއެއް ކަމުން، މަޝްރޫއު ކުރިއަށްގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި، ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ މާހައުލު އޮންނާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ ދިއްފުށި ފަދަ ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާ ރަށަކަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި، އެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ނިމި، ވަރަށް އަވަހަށް އެ އިންޖީނުގެއިން ޚިދުމަތްދޭން ފެށޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ، ދިއްފުށީގެ ކަރަންޓު ވިއުގަ ޒަމާނީކޮށް، ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިއްފުށީގައި އަޅާ އިންޖީނުގެއަކީ ޒަމާނީ ޚިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި ދިއްފުއްޓަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ޚިދުމަތް ފުޅާކުރެވޭނެ ފަދައިން ޤާއިމްކުރުމަށް ނިންމާފައިވާ އިންޖީނުގެއެކެވެ. މި އިންޖީނުގޭގެ މަސައްކަތް ނިމިގެންދާއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަޞީލަތްތަކާއި އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު ސްޓެލްކޯއިން ވަނީ ދިއްފުށީގައި 1000 ގަސް އިންދާފައެވެ. މިއީ ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯއިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މި މަޝްރޫޢުގެ ތެރެއިން ކުރިއަށްއޮތް ފަސްއަހަރު މަދުވެގެން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ޕްލެޖްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!