މޮރޮކޯއިން އަންގާރަ ދުވަހު ބުނީ އުތުރު އެފްރިކާއަށް ނިސްބަތްވާ އެގައުމުގެ ކޯޓުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
"އޭއައި އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފި،" ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (ޕާލަމެންޓުގެ ފުރަތަމަ ޗެމްބަރު) ގައި ބޭއްވި ޖަސްޓިސް ކޮމިޓީގެ ބައްދަލުވުމެއްގައި ޖަސްޓިސް މިނިސްޓަރު އަބްދުލްލަތީފް އުއާބީ ވިދާޅުވި އެވެ.
"އޭއައި ޕްރޮގްރާމެއް ގަނެގެން ފަނޑިޔާރުންގެ މެދުގައި ބެހުމަށް ސުޕްރީމް ޖުޑީޝަލް ކައުންސިލްގެ ރައީސާ ހަވާލުކޮށްފިން. މި ޕްރޮގްރާމަކީ ފަނޑިޔާރުންގެ ނިންމުންތައް މެނުއަލްކޮށް ލިޔުމުގެ ބަދަލުގައި ޓްރާންސްކްރައިބް ކުރާ ޕްރޮގްރާމެއް،" އޭނާ ވިދާޅުވިއެވެ.
މޮރޮކޯގެ މިނިސްޓަރު ވިދާޅުވީ އޭއައި އިންޓަގްރޭޓް ކުރުމުގެ މަގުސަދަކީ "ވަކީލުންނާއި ފަނޑިޔާރުންގެ މަސައްކަތަށް މަގުފަހިކޮށްދިނުން" ކަމަށެވެ.
އަދި މި ޕްރޮގްރާމުގެ ސަބަބުން ޤާނޫނީ ލިޔުންތަކާއި ޝަރުޢީ ނަމޫނާތަކުގެ އާކައިވްތައް މެދުވެރިކޮށް ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު މައްސަލަތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
މެއި މަހުގެ 14 ވަނަ ދުވަހު އޮއާބީ ވިދާޅުވީ މޮރޮކޯގައި އޭއައި ބޭނުންކުރުން ރެގިއުލޭޓް ކުރުމަށް އޭނާގެ މިނިސްޓްރީން ގާނޫނެއް ޑްރާފްޓް ކުރަމުން އަންނަ ކަމަށެވެ.
މޮރޮކޯއިން އަންނަ ސެޕްޓެމްބަރު މަހު ކޮންފަރެންސެއް ބާއްވަން ނިންމާފައި ވަނީ ބައިނަލްއަގްވާމީ އޭއައި ޕްރެކްޓިސްތައް ދެނެގަތުމަށާއި އޭއައި ރެގިއުލޭޝަންގެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަށް ކަމަށް އޮއާބީ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހު މޮރޮކޯއިން ވަނީ ޓާރޫޑަންޓާއި ބާކާނޭ ސިޓީގައި އޭއައި އަދި ޑިޖިޓަލައިޒޭޝަން ގެ ދެ ސްކޫލެއް ވެސް ގާއިމުކުރަން ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!