މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނީގެ ހާއްސަ އާންމު ޖަލްސާ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ރޭ ބާއްވާފައެވެ. އެ ޖަލްސާގައި 5,540,192 ހިއްސާ ތަމްސީލުކުރާ 47 ހިއްސާދާރުން ބައިވެރިވެއެވެ.
ހާއްސަ އާންމު ޖަލްސާގައި އެމްޓީސީސީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވަނީ ހިއްސާދާރުންގެ ތާއިދާއެކު ފާސްކޮށްފައެވެ. "ކުންފުނީގެ ގާނޫނު" ތަސްދީގުކުރި ފަހުން، އެމްޓީސީސީއަކީ ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓަޑް ކުންފުންޏެވެ
މި ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެ ނިންމުމަކީ ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާ އަލުން ދިނުމަށް ޖަލްސާއެއް ބާއްވާނެކަން، ކުރީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޔާސަތުން ވިދާޅުވެފައި އޮތުމުން، ކުންފުނީގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން އެ ނިންމެވުމަށް އިހުތިރާމްކޮށް، ހިއްސާދާރުންނަށް ހިއްސާގެ ފައިދާއަށްވާ ފައިސާ ދިނުމުގެ ގޮތުން ހުށަހެޅި ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!