ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ޓާބިއުލެންސެއްގައި ޖެހި ހިނގި ހާދިސާގައި އަނިޔާވި ކޮންމެ މީހަކަށް 10،000 ޑޮލަރުގެ ބަދަލެއް ދޭން އެ އެއާލައިނުން ނިންމައިފިއެވެ.
މެއި މަހުގެ 21 ވަނަ ދުވަހު ޓާބިއުލެންސް (ކޮޅިގަނޑު)ގައި ޖެހުނު ބޯޓް ދަތުރު ކުރަމުން ދިޔައީ އިނގިރޭސި ވިލާތުން ފުރައިގެން ސިންގަޕޫރަށެވެ. ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ބޯޓު އިމަރޖެންސީ ކޮށް ތައިލެންޑްގެ ބެންކޮކަށް ވަނީ ޖައްސާފައެވެ.
ސިންގަޕޯރ އެއަރލައިންގެ ފޭސްބުކް ޕޭޖްގައި އަންގާރަ ދުވަހު ހާމަ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހާދިސާ ގައި ބޮޑެތި އަނިޔާ ލިބުނު މީހުންނަށް ބަދަލު ދިނުމަށް އެ ފަރާތްތަކާއެކު ވާހަކަ ދައްކަން ދައުވަތު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، ދިގު މުއްދަތައް ފަރުވާ ހޯދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ފަރާތްތަކުގެ ފަރުވާ އަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ދިނުމަށް ހަމަ ޖެހިފައިވާ ކަމަށްވެސް އެއަރލައިނުން ބުނެފައިވެއެވެ.
އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބުނު މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމުމުގެ އިތުރުން އެ ބޯޓުން ދަތުރުކުރި އެންމެންގެ ޓިކެޓް ރިފަންޑް ކޮށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެއަރލައިނުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!