ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުގެ ސިޙްޔޫނީން ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަށް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން މަރުޙަބާ ކިޔައިފިއެވެ.

ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ސުލްޙައިގެ މަގުޗާޓަށް ޢަމަލު ކުރުމަށް ގޮވައިލާފައިވާ ޤަރާރެކެވެ.

Ad
rt

މި ކަމާ ގުޅޭ ގޮތުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛުހްރީ ވިދާޅުވީ, ބައިޑަންގެ މަގުޗާޓުގައިވާ ކަންކަމުގެ ތަފްސީލުތައް ފުރިހަމަ ކުރަން ބާއްވާ މަޝްވަރާތަކުގައި ބައިވެެރިވާން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި, މަގުޗާޓުގެ ދަށުން އެކުލަވައިލެވޭ އެއްބަސްވުމަކަށް ޔަހޫދީން އަމަލު ކުރާ ކަން އެމެރިކާއިން ކަށަވަރު ކުރުމަކީ އެމެރިކާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމުގައެވެ.

އަބޫ ޛުހްރީ ވިދާޅުވީ, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވައި, އެ ސަހަރަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބާލައި, އަސީރުން ބަދަލު ކުރުމަށް އެ ޖަމާޢަތުން އެއްބަސްވާނެ ކަމުގައެވެ. "މިއީ, [ޔަހޫދީންގެ] އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ޢުދުވާން ހުއްޓުވަން ބާރުއެޅުމަށް އެމެރިކާއިން ވެފައިވާ ވަޢުދު ފުއްދައި, އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް އެމެރިކާގެ ސަރުކާރަށް ހުށަހެޅިފައިވާ ވަރުގަދަ އިމްތިހާނެއް،" އަބޫ ޛުހްރީ ވިދާޅުވިއެވެ.

ޔަހޫދީން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މަގުޗާޓަކީ ތިން މަރުޙަލާއަކަށް ބިނާ ކޮށްފައިވާ މަގުޗާޓެކެވެ. މިގޮތުން, ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. އަދި, ޣައްޒާގެ އާބާދީ ބޮޑު ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިންގެ އެ ސަރަޙައްދުތަކުން ފޭބުމެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,124އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,712އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.