ހަނގުރަމާއިގެ ފަހުން ގާޒާ އާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ނަތަންޔާހޫ އެކުލަވާ ލައްވާފައި ނުވާތީ ކަމަށްބުނެ ގޭންޓްޒް އިޒްރޭލްގެ ހަނގުރާމައިގެ ވަޒީރު އިސްތިއުފާ ދީފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނޭ ދިފާއީ ވަޒީރު ބެނީ ގޭންޓްޒް އާދިއްތަ ދުވަހު އިސްތިއުފާ ދިފައިވާއިރު މީގެކުރިން އޭނާ އިސްތިއުފާދޭނެކަން ވަނީ އިއުލާންކޮށްފައެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ނުރުހުން ނަތަންޔާހޫ އަށް އަމާޒުވެފައި ވަނިކޮށް ނަތަންޔާހޫގެ ކެބިނެޓުން ގޭންޓްޒް އިސްތިއުފާ ދެއްވުމާއެކު އެތެރޭގެ ސިޔާސީ އިތުރު ފިއްތުންތައް ނަތަންޔާހޫ އަށް ކުރިމަތިވެ ވާނެ ކަމަށް ބެލެއެވެ.
ކުރީގެ މިލިޓަރީ ޖެނެރަލެއްގެ ގޮތުގައި އިޒްރޭލްގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ އުމުރުން 65 އަހަރުގެ ގޭންޓްޒް އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ހަނގުރަމައިގެ ފަހުން ގާޒާ އާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ނަތަންޔާހޫ އެކުލަވާ ލައްވާފައި ނުވާތީ ކަމަށެވެ. ގޭންޓްޒް ވަނީ އެފަދަ ޕްލޭނެއް އެކުލަވާލާ ފާސްކުރަން ޖެހޭނެ ކަމަށް މެއި މަހު ނަތަންޔާހޫ އަށް ހުށަހަޅުއްވާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ގޭންޓްޒް އިސްތިއުފާ ދެއްވިޔަސް ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު އަދި ވެއްޓޭނެ ކަމަކަށް ނުބެލެއެވެ.
ގޭންޓްޒްގެ އިސްތިއުފާ އަށް ރައްދު ދެއްވާ ނަތަންޔާހޫ ވިދާޅުވެފައިވަނީ، މިއީ ހަނގުރާ އާ ވަކިވާން ޖެހޭ ވަގުތު ނޫން ކަމަށާއި، މިއީ އެކުގައި ތިބެންޖެހޭ ވަގުތު ކަމަށެވެ.
ހޮނިހިރު ދުވަހު އިޒްރޭލުން 4 ރަހީނުން ސަލާމަތް ކުރުމާއެކު، ނަތަންޔާހޫ ވަނީ ގޭންޓްޒްގެ ކިބައިން އިސްތިއުފާ ނުދެއްވާ ސަރުކާރާ އެކު ހުންނެވުމަށް އެދިވަޑައިގަތްފައެވެ.
އިޒްރޭލުގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ނަތަންޔާހޫގެ ސަރުކާރު ވެއްޓިއްޖެ ނަމަ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އެންމެ ބޮޑީ ގޭންޓްޒް އަށެވެ.
ހުސްވި ހަފްތާގައި ގޭންޓްޒްގެ ނޭޝަނަލް ޔުނިޓީ ޕާޓީން ވަނީ އިޒްރޭލްގެ ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ޕާޓީން ބޭނުންވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު އަވަހަށް އާއްމު އިންތިޚާބަކަށް ދިއުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!