ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސްގެ މެންބަރަކަށް ވެއްޖެއެވެ.
'އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް' (އެގްމޮންޓް ގްރޫޕް) އަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާބެހޭ މަޢުލޫމާތު، ދޭދޭ ޤައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެވެ.
ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓުގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައިމިވަނީ 2 ޖޫންގައި ފަށައިގެން ކުރިއަށްދާ އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ފްރާންސްގެ ޕެރިހުގައެވެ.
އެގްމޮންޓް ގުރޫޕްގެ މެންބަރަކަށްވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
އެގްމޮންޓްގްރޫޕުގެ މެންބަރަކަށް ވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިންމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންދާނެއެވެ.
އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެމްއެމްއޭއިން އަދި ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!