އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ 210 އަށް ވުރެ ގިނަ މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި ހާދިސާ މިސްރާއި އުރުދުން އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޙަމަލާއެއް ކަމަށާއި، މި ޙަމަލާގެ ޒިންމާ ޤާނޫނީ ގޮތުންނާއި އަޚްލާޤީ ގޮތުން އިސްރާއީލުގެ ބޮލުގައި އެޅިފައިވާ ކަމަށެވެ. މިސްރުން ވަނީ ފަލަސްތީނުގެ އާންމުންނަށް ހަމަލާދިނުން މިހާރުން މިހާރަށް ހުއްޓާލައި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.
އުރުދުންގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ މި ހަމަލާއަކީ "ސިސްޓަމެޓިކް ކޮށް އާންމުންނަށް އަމާޒުކޮށް" ދިން ހަމަލާއެއް ކަމަށާއި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އުރުދުންއިން ވަނީ ބައިނަލްއަގްވާމީ މުޖުތަމައު، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުން މިހާރުން މިހާރަށް ނުފޫޒު ފޯރުވައި ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް ގޮވާލާފައެވެ.
ހަމާސްގެ ކަމާބެހޭ ފަރާތްތަކުން ބުނީ އިޒްރޭލުން ރެފިއުޖީ ކޭމްޕްތަކަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 210 މީހުން ޝަހީދުވެ 400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މިދިޔައަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ އަސްކަރީ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 36،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.
ފަލަސްތީނުގެ އާބާދީގެ މަރުކަޒުތަކަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުވައި ވަށާލާފައިވާ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް މިސްރާއި އުރުދުންއިން ދަނީ ބައިނަލްއަގްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!